ޚަބަރު

ރައީސުލްޖުމްހޫރިއްޔާއަށް ފާދިއްޕޮޅު ނައިފަރުގެ ރައްޔިތުން ހޫނު މަރުޙަބާއެއް ކިޔައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފާދިއްޕޮޅު ނައިފަރަށް ވަޑައިގެންފިއެވެ.

ނައިފަރަށް ވަޑައިގަތުމުން އެމަނިކުފާނަށް އެރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ނިކުމެ ވަނީ ވަރަށް ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސަށް މަރުޙަބާ ކިއުމަށް ނުކުމެ ތިބި ރައްޔިތުންނާ ސަލާން ކުރެއްވުމަށް އެމަނިކުފާނު ވަނީ ބައިގަޑިއިރަށްވުރެ ގިނަ އިރު ހޭދަކުރައްވާފައެވެ. ރައީސް ޔާމީނަށް މަރުޙަބާ ކިއުމަށް ނައިފަރުގެ ކުދިބޮޑު އެންމެންކަހަލަގޮތަކަށް ވަނީ ބަދަރު ސަރަހައްދަށް ޖަމާވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޅ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް ހުޅުއްވައިދެއްވުމާއި ނައިފަރު ބަނދަރު ހުޅުއްވައި ދެއްވާނެއެވެ. އަދި ޅ. ކުރެންދޫއަށް ވަޑައިގެން ކުރެންދޫ ގޮނޑުދޮށް ޙިމާޔާތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ޅ. ހިންނަވަރަށާއި، ޅ. އޮޅުވެލިފުއްޓަށް ވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.