ޚަބަރު

ފޮރިން މިނިސްޓަރ، ޗައިނާ ސަރުކާރުގެ ޚާއްޞަ މަންދޫބަށް މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި


ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެ ވަޑައިގެންނެވި އިސް މަންދޫބް، ވަންގް ޝިއާއޮތާއޮގެ ޝަރަފުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑރ. މުޙައްމަދު އާސިމް މެންދުރުގެ ފަރިއްކޮޅެއް މިއަދު ދެއްވައިފިއެވެ.

މި ފަރިކޮއްޅު ބާއްވާފައިވަނީ ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގައެވެ.

މި ފަރިއްކޮޅުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ސިނަމާލެ ބްރިޖު ހެދުމަށްޓަކައި ޗައިނާ ސަރުކާރުން ވެދެއްވި ދީލަތި އެހީއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގުޅުމަށް އަލިއަޅުއްވާލައްވައި ޗައިނާ އަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަ ކުރައްވައި ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގުޅުންތައް ދަމަހައްޓައި ވަރުގަދަކުރުމަށްޓަކައި ދެ ޤައުމަށްވެސް މުހިންމު މައްސަލަތަކުގައި ބައިނަލްއަޤުވާމީ ފެންވަރުގަޔާއި ދޭދޭ ޤައުމުތަކުގެ ފެންވަރުގައި އިތުރު މަސައްކަތްތައް ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.