ކުޅިވަރު

ސްރީލަންކާ މެޗަކީ ފައިނަލެއް ފަދަ މެޗެއް: ކޯޗު


ސާފް ސުޒުކީ ކަޕްގައި ސްރީލަންކާއާ ވާދަކުރާ މެޗަކީ ފައިނަލް މެޗަކާ އެއްފަދަ މެޗެކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ޕީޓަރ ސެގާޓް ބުނެފިއެވެ.

އަންނަ މަހުގެ 4 ވަނަ ދުވަހު ބަނގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ ސާޒް ސުޒުކީ ކަޕްގައި ރާއްޖޭގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 7 ވަނަ ދުވަހު ވާދަކުރާނީ ސްރީލަންކާއާއެވެ. ސާފް ސުޒުކީ ކަޕްގައި ރާއްޖޭގެ ޓީމްގެ ފުރަތަމަ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު ސެގާޓް ބުނީ ސްރީލަންކާއަކީ ރާއްޖޭގެ ކުޅުންތެރިންނަށް އާ ޓީމެއް ނޫންކަމަށާއި، ނަމަވެސް ކޮންމެ މެޗެއްވެސް ވެގެންދާނީ އާ މެޗަކަށްކަމަށެވެ. ސްރީލަންކާ ކުޅުންތެރިން އެނގުނަސް އަދި އެޓީމްގެ ކުޅުމުގެ ވައްޓަފާޅި އެނގުނަސް، ކޮންމެ މެޗެއްވެސް ފަށާނީ ސުމެއް ސުމަކުންކަމަށާއި، ކޮންމެ ޓީމަކަށްވެސް މޮޅުވުމުގެ ފުރުސަތު އޮންނާނެކަމަށް ސެގާޓް ބުންޏެވެ. ސެގާޓް ބުނީ ކޮންމެ ޓީމަކަށްވެސް މުބާރާތުގެ ފުރަތަމަ މެޗް ވަރަށް މުހިންމުވާނެކަމަށާއި، ފުރަތަމަ މެޗް ނިމުމުން ނޫނީ މުބާރާތުގައި ކުރިއަށް ދިއުމާއި ގުޅޭގޮތުން މާގިނަ ވާހަކަދައްކަން ބޭނުން ނުވާކަމަށެވެ. ސާފް ސުޒުކީ ކަޕަށް ދިވެހި ޓީމް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައިމަށާއި، އުއްމީދަކީ ފުރަތަމަ މެޗުގައި ރަނގަޅު ނަތީޖާއަކުން ލަންކާގެ މައްޗަށް ކުރި ހޯދުންކަމަށްވެސް ސެގާޓް ބުންޏެވެ.

" އަހަރެން ދެކޭގޮތުގައި ސްރީލަންކާއަކީ ވަރަށް ވަރުގަދަ ޓީމެއް. ނަަމަވެސް ފާއިތުވެގެންދިޔަ 2 އަހަރު ސްރީލަންކާގެ ފުޓްބޯޅަ ވަނީ ކުޑަކޮށް މަޑުޖެހިލާފަ. އެކަމަކު މިހާރު ސްރީލަންކާ ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ. ލިތުއޭނިއާއާއެކު ކުޅުނު އެކުވެރިކަމުގެ މެޗު އަހަރެން ބެލިން. އެޓީމް ވަރަށް މޮޅަށް ކުޅުނު. ރާއްޖެ ފުރަތަމަ މެޗުގައި ލަންކާއާއި ދެކޮޅަށް ނިކުންނައިރު، މުބާރާތުގެ ފުރަތަމަ މެޗަކީ ކޮންމެ ޓީމަކަށްވެސް ވަރަށް އުނދަގޫ މެޗެއް. އަހަރެން ނުވިސްނަން އިންޑިޔާއާއި ދޭތެރޭގަ މިވަގުތު. ސްރީލަންކާއަށް އަބަދުވެސް ދިވެހިން ވަރަށް އިޙުތިރާމް ކުރޭ. މިޓީމްވެސް ސްރީލަންކާއަށް އިޙުތިރާމް ކުރާނެ، ނަމަވެސް މެޗުގައި ރާއްޖޭގެ ކުޅުންތެރިން ނިކުންނާނީ ސްރީލަންކާ ބަލިކުރަން." ކޯޗު ބުންޏެވެ.

ސާފް ސުޒުކީ ކަޕްގައި ރާއްޖެ ލައްވާލާފައިވަނީ ގުރޫޕް ބީގައެވެ. ގުރޫޕް ބީގެ ފުރަތަމަ މެޗްގައި އަންނަ މަހުގެ 5 ވަނަ ދުވަހު އިންޑީޔާ ނިކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި މިއަންނަ މަހުގެ 7 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. އަދި ގުރޫޕް ބީގެ ފަހު މެޗްގައި މިއަންނަ މަހުގެ 9 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ އިންޑިޔާއާ ދެކޮޅަށެވެ.

1984 ވަނަ އަހަރުގެ ފަހުން، ފާއިތުވެގެންދިޔަ 34 އަހަރުގެ ތެރޭގައި ރާއްޖެ ވަނީ ސްރީލަންކާއާއި ދެކޮޅަށް 18 މެޗު ކުޅެފައެވެ. މީގެތެރެއިން 3 މެޗުން ބަލިވިއިރު، 8 މެޗުން އެއްވަރުވެ އަދި 7 މެޗުން ރާއްޖޭގެ ޤައުމީ ޓީމްވަނީ މޮޅުވެފައެވެ.
1987 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ރާއްޖެވަނީ އިންޑިޔާއާއި އެކުވެސް 18 މެޗު ކުޅެފައެވެ. 13 މެޗުން ރާއްޖެ ބަލިވެފައިވާއިރު، 2 މެޗުން އެއް ވަރުވެ އަދި 3 މެޗުން ރާއްޖެވަނީ މޮޅުވެފައެވެ.