ޚަބަރު

ޕީޕީއެމްގެ ޖަގަހައަށް ދިން ޙަމަލާއަކީ ޓެރަރިސްޓް ޙަމަލާއެއް- ހޯމް މިނިސްޓަރ


ގއ.ކޮލަމާފުށީ ޕީޕީއެމް ޖަގަހަޔަށްދީފައިވާ ޙަމަލާއަކީ ވަރަށް ނުރައްކާތެރި ޙަމަލާއެއްގެ ގޮތުގައި ސިފަކުރައްވާ މިކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަޙުގީގުކުރަމުންދާކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ މިފަދަ ކަންކަމަކީ މިދުވަސްވަރު އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ އަމާންކަން ނެތްކަން ދެއްކުމަށް ކުރަމުންދާ މަސައްކަތަކަށްވާތީ މިކަންކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ ވެށި ހަލަބޮލިކޮށްލުމުގެ ފުރުސަތު ނުދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މިދުވަސްވަރު ސިޔާސީގޮތުން އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކޮށް ޤައުމުގެ އަމާންކަން އިސްކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ. މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު ގއ.ކޮލަމާފުށީގެ ޕީޕީއެމްގެ ޖަގަހައަށް ދިނުން ގެއްލުމުގައި އެތަނުގައި ދަމާފައިވާ ދިދަ ފަތިތަކާއި ބެނާތަކަށްވަނީ ގެއްލުން ދީފައެވެ. އަދި މިހާދިސާގައި ބައެއް ފަރާތްތަކަށް އަނިޔާވެފައިވާއިރު އިިތުރު ތިންރަށެއްގެ ޕީޕީއެމްގެ ޖަގަހައަށްވެސް ގެއްލުން ދީފައިވާކަމަށް އެޕާޓީން ބުނެއެވެ.