ޚަބަރު

ގޮންޖެހުންތަކާ ކުރިމަތިވަނީ ރައްޔިތުންގެ ޙައްޤުގައި ދެގޮތެއްނުވެ ވަކި އުސޫލުތަކެއްގައި ހިފަހައްޓަމުންދާތީ- ރައީސް


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިހާރު ކުރިމަތިވެ ވަޑައިގަންނަވަމުންދާ ގޮންޖެހުންތަކަކީ، ދިވެހި ރައްޔިތުންގެ ޙައްޤުގައި ދެގޮތެއްނުވެ ވަކި އުސޫލުތަކެއްގައި ހިފަހައްޓަވަމުން ގެންދަވާތީ، ދިމާވަމުންދާ ގޮންޖެހުންތަކެއް ކަމަށް އެމަނިކުފާނު ވިދާލުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރިއާއި، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫއަށް ވަޑައިގެން އެރަށުގައި ހިންގަވާފައިވާ ތިން މަޝްރޫޢެއްގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވި މިގޮންޖެހުންތަކާއެކު ވެސް ދިވެހިރާއްޖޭގެ ތަރައްޤީއަށް މިސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަވާފައިވާ މަޝްރޫޢުތަކުގެ އިތުރުން ޚާއްސަ ގޮތެއްގައި މާލެ ސިޓީގައި ހިންގަވަމުން ގެންދަވާ ސިނަމާލެ ބްރިޖް، ކިންގް ސަލްމާން މިސްކިތް، ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް އަދި ރަސްފަންނު ފަދަ ބޮޑެތި މަޝްރޫއުތައް ފާހަގަކުރެއްވިއެވެ.


މިރޭ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ތަޢުލީމީ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭފަދަ ރަން ވަނަ ތަކެއް ދިވެހި ދަރިވަރުން ހޯދަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ތަޢުލީމީ ދާއިރާ މިގޮތުގައި ކުރިއަރުވާ ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ކުރައްވާފައިވާ ބައެއް މަސައްކަތްތަކަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިވޭތުވެދިޔަ ހަތަރު އަހަރުގެތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، މަލްޓިޕާޕަސް ހޯލާއި، އިތުރު ކްލާސްރޫމްތައް ހިމެނޭ ގޮތަށް 774 ކްލާސްރޫމް އިތުރުކޮށްދެއްވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން މިގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ ރ. އިންނަމާދޫއަށާއި، އިނގުރައިދޫއަށް ވަޑައިގެން އެ ދެ ރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވައިފައެވެ. އަދި މިއަދު މެންދުރުފަހު ރ. މީދޫއަށް ވަޑައިގެން އެރަށުގެ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވައި، މިއަދު ހަވީރު ނ. މާފަރަށް ވަޑައިގެން މާފަރު އެއަރޕޯޓް ހުޅުއްވައިދެއްވައި، އެރަށު ބަނދަރު ހުޅުއްވައިދެއްވާފައިވެއެވެ. މީގެއިތުރުން އެމަނިކުފާނު މިއަދު ހަވީރު ރ. މަޑުއްވަރިއަށްވެސް ވަނީ ވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ، މާޅޮސްމަޑުލު އުތުރުބުރިއާއި، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވާ މި ދަތުރުފުޅުގައި އިއްޔެ ހެނދުނު ވަނީ ރ. އަލިފުށްޓަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައިފައެވެ. އަދި ރ. ހުޅުއްދުއްފާރަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ޚިދުމަތް ވެސް އިފްތިތާޙްކޮށް ދެއްވާފައިވެއެވެ. މީގެއިތުރުން އިއްޔެ އެމަނިކުފާނު ވަނީ ރ. އުނގޫފާރަށާއި، ރ. ދުވާފަރަށް ވަޑައިގެން އެދެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ.