ޚަބަރު

މި ސަރުކާރުގެ ތަޞައްވުރަކީ އެންމެން ބައިވެރިވާ ތަޞައްވުރެއް - ރައީސް


މި ސަރުކާރުގެ ތަރައްޤީގެ ތަޞައްވަރަކީ އެންމެން ބައިވެރިވާ ހުރިހާ ގިންތިއެއް ހިމެނޭ ތަރައްޤީގެ ތަޞައްވަރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރ. އިންނަމާދޫ ބަނދަރު އިފްރިތާޙްކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ރާއްޖެ މިހާރު ދެކެމުންމިދާ ތަރައްޤީ ހުރިހާ ގިންތިއެއް ހިމެނޭގޮތަށް މުޅި އާބާދިއަށް އާންމުކޮށް ފަތުރާލަން ބޭނުންފުޅުވާ ކަމަށެވެ.

މި ސަރުކާރުން ކުރާ މަސައްކަތަކީ ލޯނު ނަގައިގެންވެސް ދިވެހި ރައްޔިތުންނަށް ބޭނުންވެފައިވާ ތަރައްޤީ ގެނައުމަށްކަމަށާއި، މި ސަރުކާރަކީ ނަގާ ލޯނުތައް ދެއްކޭވަރުގެ ޤާބިލުކަމާއި ހަކަތަ ހުރި ސަރުކާރެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސަރުކާރުގައި ރާއްޖޭގެ ކުދިކުދި ރަށްތަކާމެދުވެސް އަމަލުކުރާނީ ހަމަހަމަ އުސޫލުންކަމަށާއި، މި ސަރުކާރުގެ ތަރައްޤީގެ ތަސައްވުރަކީ އެންމެންގެ ޙިއްޞާ އޮވެގެން، އެންމެން ޝާމިލުވެގެން ގެންނަ ތަރައްޤީއެއް ރާއްޖެއަށް ގެނައުންކަމުގައި ވިދާޅުވިއެވެ.

ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމް ދީންކަމަށާއި، ކޮންމެ ރައްޔިތަކުމެ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ލާ ވޯޓަކީ އިސްލާމްދީނުގެ ޝިޢާރު މަތިކުރުމަށް ލާ ވޯޓަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވައިލެއްވިއެވެ.