ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ރ. އިންނަމާދޫ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރ. އިންނަމާދޫގައި ސަރުކާރުން ތަރައްޤީކޮށްފައިވާ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މިއަދު ހެނދުނު މިކަމަށްޓަކައި އިންނަމާދޫގައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވުމުގެ ގޮތުން އެކަމަށްޓަކައި ޚާއްޞަކުރެވިފައިވާ ހަނދާނީ ބިނާގެ ފަރުދާ ކައްސަވައިލަދެއްވައިފައެވެ.

އިންނަމާދޫގައި ސަރުކާރުން ތަރައްޤީކޮށްފައިވަނީ 600 ފޫޓް ދިގު 250 ފޫޓް ފުޅާ ބަނދަރެކެވެ. އިންނަމާދޫ ބަނދަރު މަޝްރޫޢަކީ 72.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުއެވެ. އަދި މަޝްރޫޢުގެ މަސައްކަތް ނިމިފައިވަނީ 1 ސެޕްޓެމްބަރު 2017 ގައެވެ. މި މަޝްރޫޢު ކުރިއަށްގެންގޮސްފައިވަނީ އެމްޓީސީސީންނެވެ.

ރައީސުލްޖުމްހޫރިއްޔާ، މާޅޮސްމަޑުލު އުތުރުބުރިއާއި، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިއްޔެ ހެނދުނު ވަނީ ރ. އަލިފުށްޓަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައިފައެވެ. އަދި ރ. ހުޅުއްދުއްފާރަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ޚިދުމަތް ވެސް އިފްތިތާޙްކޮށް ދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ރ. މީދޫ މަގު ހެދުމުގެ މަސައްކަތް ނިމުން ފާހަގަކުރެއްވުމަށާއި، ނ. މާފަރު އެއަރޕޯޓް ހުޅުއްވައިދެއްވުމަށާއި، އެރަށު ބަނދަރު ހުޅުއްވައިދެއްވުމުގެ އިތުރުން ނ. ވެލިދުއަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ފެނާއި، ނަރުދަމާގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށާއި، އެރަށު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ރ. މަޑުއްވަރީގެ އިތުރުން ނ. ކެނދިކުޅުދޫއަށް ވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.