ޚަބަރު

ރައީސް ޔާމީންގެ ތަރައްޤީއާ ވާދަކުރެވޭވަރުގެ މެނިފެސްޓޯއެއް އޮތްނަމަ ބަހުސްގައި ބައިވެރިވޭ - މިނިސްޓަރ ޠާރިޤް


ރައީސް ޔާމީންގެ ތަރައްޤީގެ މަޝްރޫޢުތަކާ ވާދަކުރެވޭ ވަރުގެ މެނިފެސްޓޯއެއް އިދިކޮޅު ފަރާތްތަކުން ގެންގުޅޭނަމަ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ރިޔާސީ ބަހުސްގައި ބައިވެރިވުމަށް އެނަވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރަހީމް ގޮވާލައްވައިފިއެވެ.

ރ. ހުޅުދުއްފާރު ފެނާއި ނަރުދަމާގެ ނިޒާމް ރަސްމީކޮށް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީން ގެންނަވާ ތަރައްޤީގެ މަޝްރޫތަކާއި ވާދަކުރެވޭވަރުގެ މެނިފެސްޓޯއެއް ގެންގުޅުއްވާނަމަ މިބަހުސްގައި ރައްޔިތުންނަށް އެކަން ދައްކައިދޭން ޖެހޭކަމަށެވެ. އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ އެމްޑީޕީގެ "އިންކަމް ޓެކްސް" ވަޢުދާ ގުޅިގެން ކޯލިޝަން ތެރޭގައި މައްސަލަ ބޮޑުވެފައިވާކަމަށެވެ. އެގޮތުން މިވަޢުދަށް ޖުމްހޫރީ ޕާޓީގެ އެއްބާރުލުން ނުލިބޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ބޭނުންވާ ބަޖެޓް ފާސްކުރުމުގައި އިދިކޮޅު ފަރާތްތަކުން މަޖިލިސްތެރޭގައި ކޮށްފައިވާ ޖެއްސުންމަތިން ރައްޔިތުން ހަނދާންނުނެތޭކަމަށެވެ. ކުރީގެ ސަރުކާރުތަކަށްވެސް ލޯނުނަގައިގެންނާއި އެހެނިހެން ގޮތްގޮތުން ތަރައްޤީ ގެނައުމުގެ ފުރުސަތު ލިބިފައިވާއިރު އެކަން ކޮށްފައިނުވާކަމަށާއި އެސަރުކާރުތަކުން އިސްކުރީ އަމިއްލަ އެދުންތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިސަރުކާރު އައުމުގެ ކުރިން މުޅި ރާއްޖޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކޮށްފައިވަނީ އެންމެ 6 ރަށުގައި ކަމަށާއި، މި ސަރުކާރުގެ 5 އަހަރު ތެރޭގައި 30 ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.