ޚަބަރު

18 އަހަރުން މަތީގެ ކޮންމެ ޒުވާނަކަށް ގެދޮރުވެރިކަމާއެކު ވަޒީފާގެ ފުރުޞަތު ފަހިކޮށްދޭނަން - ރައީސް


ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 18 އަހަރުން މަތީގެ ކޮންމެ ޒުވާނަކަށް ގެދޮރުވެރިކަން ހޯދައިދިނުމާއިއެކު ވަޒީފާއަށް ބޭނުންވާ 18 އަހަރުން މަތީގެ ކޮންމެ ޒުވާނަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރ.އަލިފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި ގެދޮރުވެރިކުރުމުގެ މަޝްރޫޢުތައް ހިންގަމުންދާއިރު، ކުލިދެއްކުމާއި އެހެނިހެން ޚަރަދުތައް ބެލެހެއްޓުމަށް ބޭނުންވާ އާމްދަނީ ލިބޭނެމަގު ފަހިވެފައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި 76 ހާހަށްވުރެ ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައިވާކަމަށެވެ. އަދި އިތުރު ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީ ޒުވާނުންނަށް ފާގަތި ދިރިއުޅުމެއް ފަހިކޮށްދިނުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ދެވަނަ ދައުރުގައި 18 އަހަރުން މަތީގެ ހުރިހާ ޒުވާނުންނަށް ވަޒީފާދޭނަން. އެގޮތުން ކުލިދެއްކުމާއި، އަދި އެހެނިހެން ޚަރަދުތައްވެސް ބެލެހެއްޓޭނި އާމްދަނީއެއްދޭނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ޔަމީން ވިދާޅުވީ، ކުރީގެ ސަރުކާރުތަކުގައި ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދީފައި ނުވާއިރު އޭގެ ނަތީޖާއެއްގެ ގޮތުން ފެނިގެންދިޔައީ އެކި މައްސަލަތަކުގައި ބަންދުކުރެވިފައިތިބި ޒުވާނުންތަކެއްކަމަށެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ޒުވާނުންނަށް އެކި ދާއިރާތަކުން ފުރުޞަތު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާނެކަމަށެވެ.

މިސަރުކާރުން ވަނީ ޒުވާނުންނަކީ ޒިންމާދާރު ބަޔަކަށް ހެދުމަށްޓަކައި، ޒުވާނުންނަށް ޢަމާޒުކޮށްގެން ވިޔަފާރިފެށުމަށް ލުއި ލޯނު ތަޢާރަފްކުރުމާއި، ސަރުކާރުގެ އެކި މުވައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތް ފުޅާކޮށް ޒުވާނުންނަށް ވަޒީފާލިބޭނެ މަގު ފަހިކޮށްދީފައެވެ.

މީގެއިތުރުން ސްކޫލުނިންމާ މުޖުތަމަޢަށް ނިކުންނަ ޒުވާނުންނަކީ އާމްދަނީ ލިބޭނެ މަގު ތަނަވަސްވެފައިވާ ބަޔަކަށްހެދުމަށްޓަކައި ތަޢުލީމީ ނިޒާމުގެތެރެއިން، ޚާއްޞަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ. އެގޮތުން ޓިވެޓާއި، ބީޓެކް މެދުވެރިކޮށް މިހާތަނަށް ސާދަ ހާސް ކުދިންނަށް ތަފާތު ދާއިރާތަކުން ތަމްރީނު ދީފައިވާއިރު، ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް ހޯދައި ދިނުމުގެ މަޤްޞަދުގައި ބައެއް ދާއިރާތަކަކީ ހަމައެކަނި ދިވެހިންނަށް ވަޒީފާއަދާކުރެވޭނެ ދާއިރާތަކެއްގެ ގޮތުގައިވެސް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.