ޚަބަރު

ސިނަމާލެ ބުރިޖު ހުޅުވުން އަންނަ ބުރާސްފަތި ދުވަހު


ސިނަމާލޭ ބުރިޖު އަންނަ ބުރާސްފަތި ދުވަހު ރަސްމީކޮށް ހުޅުވުމަށް ނިންމައިފިއެވެ.

މާލެއާއި ހުޅުލެއާއި ދެމެދު އަޅާފައިވާ ސިނަމާލޭ ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ގައެވެ. ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. ބުރާސްފަތި ދުވަހު ބުރިޖު ހުޅުވާކަން ރަސްމީކޮށް އަދި ޢިއުލާންކޮށް ކޮށްފައިނުވިޔަސް، ރޭ ޕީޕީއެމުން ބޭއްވެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާވަނީ އެކަން ހާމަކުރައްވާފައެވެ.

ބަޑިބޭހުގެ ކުޅިވަރުތަކާއެކު ބުރިޖު ހުޅުވަން ނިންމާފައިވަނީ ވަރަށް ކުލަގަދަ ރަސްމިއްޔާތެއްގަ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި މިހާރު ދަނީ ބުރިޖު ހުޅުވަން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. ސިނަމާލޭ ބުރިޖަކީ ރައީސް ޔާމީންގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ކަމެކެވެ. އަދި މިއީ ރާއްޖޭގައި މިހާތަނަށް ހިންގި އިންޖނިއަރިންގ އާއި އިންފްރާސްޓްރަކްޗަރގެ އެންމެ ބޮޑު މަޝްރޫއެވެ.

ބުރިޖު އެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 170 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީއެވެ. ބާކީ ބައި ޚަރަދުކޮށް ފައިވަނީ ސަރުކާރުގެ ބަޖެޓުންނެވެ.