ޚަބަރު

އެއަރޕޯޓް ކުއްޔަށްދިނުމަށް ޖީއެމްއާރު ޝޯޓްލިސްޓެއް ނުކުރޭ، އެއީ ބޮޑު އޮޅުވާލުމެއް - ރައީސް


ނަޝީދުގެ ވެރިކަމުގައި އެއަރޕޯޓް ކުއްޔަށްދިނުމަށް ޝޯޓްލިސްޓްކުރި ކުންފުނިތަކުގެ ތެރޭގައި ޖީއެމްއާރު ނުހިމެނޭ ކަމަށާއި، ޖީއެމްއާރަށް އެއަރޕޯޓް ކުއްޔަށް ދިނުމަކީ ބޮޑު އޮޅުވާލުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރ. އަލިފުށީ ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ވައިގެ ބަނދަރު ނަޝީދުގެ ސަރުކާރުން ޖީއެމްއާރަށް ދިނުމަށް އޭރުގެ ސަރުކާރުން ކަން ކުރެއްވި ގޮތް ތަފްސީލުކޮށް ބަޔާންކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ކުއްޔަށް ދިނުމަށް ހުޅުވާލި ފުރުޞަތުގައި އެކަމަށް ކުރިމަތިލި ފަރާތްތަކުގެ ޕްރޮފޯސަލްތަކަށް ބެލުމަށްފަހު ޝޯޓް ލިސްޓް ކުރި ކުންފުނިތަކުގެ ތެރޭގައި ޖީއެމްއާރ ނުހިމެނޭކަމަށާއި، ޖީއެމްއާރަށް އެއަރޕޯޓް ކުއްޔަށް ދިނުމަކީ އޭރު ސަރުކާރުގެ ތެރެއިން ދިވެހިރައްޔިތުންނަށް އޮޅުވާލި ބޮޑު އޮޅުވާލުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ސަރުކާރުން ޖީއެމްއާރަށް އެއަޕޯޓް ކުއްޔަށް ދިނުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތުން ގެއްލިގެންދިޔަ 320 މިލިއަން ޑޮލަރަކީ ތަރައްޤީގެ އެތައް މަޝްރޫޢުތަކެއް ހިންގޭނެ ފައިސާކަން ރައީސް ފާހަގަކުރެއްވިއެވެ.

”އަޅުގަނޑުމެން މާލިއްޔަތު ޤާނޫނަށް އިސްލާހެއް ގެނައިން މިކަން ނުކުރެވޭގޮތަށް. އަޅުގަނޑުމެން އިސްލާހެއް ގެނައިން މަޖިލީހުގެ ބަހެއް ހޯދައިގެން ނޫނިއްޔާ ދައުލަތުގެ ހަރުމުދާ ކުއްޔަށްދީ ވިއްކާލާ ނުހެދޭނެ ކަމަށް. މަޖިލީހުން އެބިލް ފާސްކޮށް ތަސްދީޤް ކުރަން ހުށަހެޅީމަ ރައީސް ނަޝީދު އެބިލެއް ތަސްދީޤެއް ނުކުރެއްވި. އަދި އޭރު އޮތް އެއަރޕޯޓް ކުންފުނީގެ ބޯޑަކުން އެއަރޕޯޓް އެގޮތަށް ޖީއެމްއާރަށް ދޭކަށް އެއްބަހެއްނުވި. ދެން ކަންތައް ކުރެއްވީ ކިހިނެއްތޯ؟ ބޯޑުގަ ތިބި ހުރިހާއެންމެން ބަދަލުކޮށްލީ. އަޅުގަނޑުމެން ފާސްކުރި ޤާނޫނު ރައީސް ތަސްދީޤް ނުކުރައްވާ ޖީއެމްއާރަށް އެއަރޕޯޓް ދިނުމަށްފަހު ތަސްދީޤް ކުރެއްވީ. ދެން އަޅުގަނޑުމެން މުޒާހަރާއަށް ނިކުތީ" ޖީއެމްއާރަށް އެއަރޕޯޓް ދިނުމަށް އޭރުގެ ސަރުކާރުން ކަންކޮށްފައިވާގޮތް ތަފްސީލުކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޖީއެމްއާރ އަތުން އެއަރފޯޓް އަނބުރާ ހޯދުމަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރުމަށް އޭރު އެއްބަސްވެވަޑައިގަތީ ޤާސިމް ކަމަށާއި، މިކަމާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތް ކުރުމަށް އެއްބަސްވީ ޤައުމީ ޕާޓީން ކަމަށެވެ. ޤާސިމާއި، ޤައުމީ ޕާޓީގައި އޭރު އިސްކޮށް ތިއްބެވި ބޭފުޅުން މިކަން އަދިވެސް ހަނދާން ހުންނާނެކަމަށާއި، މިހާރު މިކަން ކުރި ފަރާތްތަކާ ގުޅުމަށްފަހު މިއަދު މިވާހަކަ ނުދައްކަވަނީ ކީއްވެތޯ ރައީސް ސުވާލުކުރެއްވިއެވެ.

އޭރުންސުރެ މިއަދާ ހަމައަށްވެސް އެއްގޮތަކަށް ހުރެ އެވާހަކަދައްކަވާ ބޭފުޅަކަށް ހުރީ ހަމައެކަނި އެމަނިކުފާނުކަމަށާއި، އެމަނިކުފާނު އެވާހަކަ ދައްކަވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މި ވާހަކަތަކަށް އިދިކޮޅު ފަރާތްތަކަށް ޖަދަލުވެސް ނުކުރެވޭކަމަށާއި، މިހާރު އިދިކޮޅުގައި ތިބި ފަރާތްތަކުގެ ވެރިކަމުގައި، މަޖިލިސްތެރޭގައިވެސް ބާރު އޮތްއިރު ދިވެހިރައްޔިތުންނާމެދު މިހާބޮޑު ނާއިންސާފެއް ވެގެންދިޔައިރު ހޯދައިނުދެވުނު އިންސާފެއް މިއަދުވެސް ހޯދައި ނުދެވޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.