ޚަބަރު

ރައީސް، ރ.އަލިފުށީގައި ސަރުކާރުން ޤާއިމްކޮށްދެއްވާފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރ.އަލިފުށީގައި ސަރުކާރުން ޤާއިމްކޮށްދެއްވާފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.

ރައީސް ޔާމީން ރ.އަލިފުށީގެ ނަރުދަމާ ނިޒާމް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ، ރ. އަތޮޅަށް އެމަނިކުފާނު ކުރައްވާމުން ގެންދަވާ ޚާއްސަ ދަތުރުފުޅުގައެވެ.

ރާއްޖެގެ ހުރިހާ ރައްޔިތުންނަށްވެސް ރައްކާތެރި ސާފު ބޯފެނާއި ނަރުދަމާ ޔަޤީން، މި ސިޔާސަތުގެ ދަށުން ރ.އަލިފުށީގައި ޤާއިމްކޮށްފައިވާއިރު މި މަޝްރޫޢަށްވަނީ ދައުލަތުގެ ބަޖެޓުން 33 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސަރުކާރުން ފެށި މި މަޝްރޫޢުގެ މަސައްކަތް ނިންމާލާފައިވަނީ 2016 ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ.

މިމަޝްރޫޢުގެ ދަށުން އަލިފުށީގައި ހަތަރު ޕަމްޕް ސްޓޭޝަން ބަހައްޓާ، 14 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ޤާއިމްކޮށްފައެވެ. އަލިފުށީގެ 423 ގެއަކަށް ނަރުދަމާގެ ޚިދުމަތް ދީފައިވާއިރު ރަށުގައި އުފެދޭ ނަޖިސް ބޭރު ކުރުމަށް 570 މީޓަރުގެ އައުޓް ފޯލް ހޮޅިއެއްވެސް ވަނީ އަޅާފައެވެ.

ރ.އަލިފުށީގެ ނަރުދަމާ ނިޒާމްގެ ޚިދުމަތް ދެމުންދާނީ ފެނަކަ ކޯޕަރޭޝަނުންނެވެ.
ތިންހާހާއި ގާތްކުރާ އާބާދީއެއް އޮންނަ އަލިފުށީގައި ނަރުދަމާ ނިޒާމް ޤާއިމްކުުރުމުގެ މަސައްކަތްކުރިއަށް ގެންގޮސްފައިވަނީ އެންވަޔަރަމެންޓް މިނިސްޓްރީން، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީއާއި ޙަވާލުކޮށްގެންނެވެ.