ޚަބަރު

ޖަލުގައި މައުމޫނަށް ދެއްވާ ފަރުވާއަށް ޑރ.ޖުނައިދު ތަޢުރީފްކުރައްވައިފި


ކުރީގެ ރައީސް މައުމޫނަށް ކަރެކްޝަނަލް ސަރވިސްއިން ދެއްވަމުންދާ ބޭސް ފަރުވާގެ ޚިދުމަތަށް ރާއްޖޭގެ މަޝްހޫރު ޑޮކްޓަރ، ޢަބްދުﷲ ޖުނައިދު ވަރަށް ބޮޑަށް ތަޢުރީފުކުރައްވައިފިއެވެ.

މައުމޫނުގެ ޕްރައިވެޓް ޑޮކްޓަރުގެ ގޮތުގައި ދިގު މުއްދަތަކަށް މަސައްކަތްކުރައްވާފައިވާ ޑރ. ޖުނައިދު ވިދާޅުވީ ޖަލުގައި ލޮލުގެ އެންމެ ފަހުގެ ޒަމާނީ ވަޞީލަތް ނެތުމާއެކު މައުމޫންގެ ލޮލަށް ފަރުވާކުރުމަށް އެފަދަ ވަޞީލަތްތަކުގެ ބޭނުންވާނެކަން ކަރެކްޝަނަލް ސަރވިސްއަށް އެންގުމާއެކު އެންމެ ބަލި މީހެއްގެ ޙައްގުގައި ލޮލުގެ ޚާއްސަ ކްލިނިކެއް ޖަލުގައި ޤާއިމްކޮށްދެއްވާފައިވާކަމަށެވެ. އަދި މިކަންކަން ހަމަޖައްސާފައިވަނީ 24 ގަޑިއިރުތެރޭގައި ކަމަށްވާއިރު، މިކަމުންވެސް ކުރީގެ ރައީސަކަށް ދެއްވަންޖެހޭ ފުރިހަމަ އިޚްތިރާމް އެމަނިކުފާނަށް ލިބިދެވޭކަން ކަށަވަރުވާކަމަށް ޖުނައިދު ވިދާޅުވިއެވެ.

މައުމޫނަށް ދެއްވާ ފަރުވާއަށް ޑރ. ޖުނައިދު ތައުރީފު ކުރައްވާފައިވާއިރު މައުމޫންގެ ވަކީލުން ދަނީ ތަކުރާރުކޮށް ޖަލުގައި މައުމޫނަށް އެންމެ އެކަށީގެންވާ ފަރުވާ ނުދޭކަމަށް ބުނެ ހަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރަމުންނެވެ. ޖުނައިދު ވިދާޅުވީ މައުމޫނަކީ ގިނަ ބައެއްގެ އިޙްތިރާމްކުރައްވާ ބޭފުޅަކަށްވާއިރު އެމަނިކުފާނުގެ ނަމުގައި ޙަގީގަތާއި ޚިލާފު ދޮގު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރާކަމަށެވެ.

މައުމޫނަށް ޖަލުގައި އެކަށީގެންވާ ފަރުވާ ނުދޭކަމަށް ބުނެ ހަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރަމުންދާއިރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެ އިދާރާގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކާއި ގުޅޭގޮތުން ހަގީގަތާއި ޚިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރައްވާފައެވެ.