އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިޙުގެ ކެމްޕެއިން މެނޭޖަރުގެ މަޤާމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރައްވައިފިއެވެ.
އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން މެނޭޖަރުކަމުގެ މަޤާމުން ނަޝީދު ވަކިކޮށްފައިވާކަން އިބްރާހިމް މުހައްމަދު ސާލިހު ކަށަވަރުކޮށްދީފައިވީ ނަމަވެސް، ކެމްޕެއިން މެނޭޖަރުގެ މަޤާމުން ނަޝީދު ވަކިކުރެއްވީ ކީއްވެގެންކަމެއް ސާފެއް ނުވެއެވެ.
އެމްޑީޕީގެ ކެނޑިޑޭޓުގެ ކެމްޕެއިން މެނޭޖަރަކަށް ނަޝީދު އައްޔަނުކުރިކަން އިބްރާހިމް މުހައްމަދު ސާލިހު އިޢުލާންކުރީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެދުވަހު އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެފައިވަނީ އޭނާގެ ކެމްޕެއިން މޭނޭޖަރުކަމުގެ މަޤާމަށް ނަޝީދު ވަޑައިގަތީ އެމަނިކުފާނަށް ނޭނގި، އަމިއްލަފުޅަށްކަމަށެވެ.
ނަމަވެސް ޗެނަލް ތޭރައަށް މަޢުލޫމާތުދެއްވަމުން އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރަކީ ރައީސް ނަޝީދު ނޫންކަމަށާއި މިހާރު އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރަކީ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމްކަމަށެވެ.
އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން މެނޭޖަރުކަމުގެ މަޤާމުން ނަޝީދު ވަކިކުރެއްވި ސަބަބެއް ނޭނގޭއިރު، އެ ދެބޭފުޅުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދި ގުޅުން ގޯސްވެފައިވާކަމަށް އެމްޑީޕީގެ އިސް ބޭފުޅުންވެސް ދަނީ ބުނަމުންނެވެ. ބައެއް ބޭފުޅުން ވިދާޅުވަނީ އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމަށް ގެންނަން ނަޝީދު އެއްގޮތަކަށްވެސް ބޭނުން ނުވާކަމަށެވެ.
އަނެއްކޮޅުން ނަޝީދުގެ ސަބަބުން އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިނަށް ދަތިތައް ކުރިމަތިވަމުންދާކަމަށް ބުނެ، ކެމްޕެއިން ހަރަކާތްތަކުން ނަޝީދު އެކަހެރިކޮށްފައިވާކަމަށްވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ. މިހެން މިކަން އޮތްއިރު، އިބްރާހިމް މުހައްމަދު ސާލިހު މިއަދު ލަންކާއަށް ވަޑައިގަތީ ނަޝީދުގެ ފަރާތުން ކުރިމަތިވާ ކަންކަމަށް ޙައްލެއް ހޯދުމަށްކަމަށް އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވެއެވެ.