ޚަބަރު

ފަރުކޮއެ ޕްރޮގްރާމް - ސްކޫލްތަކުގެ ފަންސާސް އިންސައްތަ ކުދިން ފަރުތައް ބަލާލައިފި


ފަރުކޮއެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ރާއްޖޭގެ ސްކޫލްތަކުގެ ފަންސާސް އިންސައްތައަށް ވުރެ ގިނަ ދަރިވަރުން ރާއްޖޭގެ ފަރުތައް ބަލާލާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢައިޝަތު ޝިހާމް ވިދާޅުވެއްޖެ.

ޕީއެސްއެމް ނިއުސްގެ "ތަރައްޤީ އައު ޒަމާނަކަށް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ އައު މަންޖަހުގެ ދަށުން ސްކޫލްތަކުން މިހާރު މަސައްކަތްކުރަނީ ޢަމަލީ ތަޖުރިބާ މެދުވެރިކޮށް ކަންކަން ކުދިންނަށް ދަސްކޮށްދިނުމަށްކަމަށެވެ. އެގޮތުން ތިމާވެށީގެ މައްސަލައަކީ ރާއްޖެއަށް އޮތް ބޮޑު ގޮންޖެހުމަކަށްވާއިރު މިކަމަށް ކުޑަކުދިން ހޭލުންތެރިކުރުވުމަކީ އެކަމަށްޓަކާ ކުރިމަގަށް އެޅޭ މުހިއްމު ފިޔަވަޅެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ފަރުތަކާއި ވެށީގެ ނާޒުކުކަން ދަރިވަރުންނަށް ވިސްނުމުން މިތަންތަނަށް ގެއްލުންވާފަދަ ކަންކަން ނުކުރުމުގެ ވިސްނުން ކުދިންގެ ކިބައިގައި އަށަގަންނަމުންދާކަމަށެވެ.

ފަރުކޮއެ ޕްރޮގްރާމްގެ ދަށުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލުމުގެ ކެމްޕޭންތައް ކުރިއަށްދާއިރު ފަރުތައް ދައްކާލުމަށް ކުދިން ގެންދިޔުމުގެ ކުރިން ފަރުތަކުގެ ނާޒުކުކަން ކުދިންނަށް ކިޔައިދީ، ކުދިންގެ ޚިޔާލު ހޯދާކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރެއެވެ. އަދި ފަރުތައް ބަލާލުމަށްފަހު ރާއްޖޭގެ ފަރުތަކާއި ތިމާވެށީގެ ނާޒުކުކަމާމެދު ކުދިން ދެކޭ ގޮތްވެސް ބަދަލުވެގެންދާކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރެއެވެ.

ރާއްޖޭގެ ސްކޫލްތަކުގެ ފަންސާސް އިންސައްތަ ކުދިންނަށް ފަރުތައް ދައްކާލާފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމް ޙާސިލްކުރަމުންދާ ހުރިހާ ކުދިންނަށް ފަރުތައް ދައްކާލުމެވެ.