ޚަބަރު

ފިއްތުންތައް ކުރިމަތި ނުކުރިނަމަ މާ ފާގަތި ދުވަސްތަކެއް ހޯދައިދެވުނީސް - ރައީސް ޔާމީން


ވެރިކަމުގެ މިދައުރުގެ ތެރޭގައި އިދިކޮޅު ފަރާތްތަކާއި ޕީޕީއެމްގެ ތެރެއިން ސަރުކާރަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތި ނުކުރުވިނަމަ، މިއަށްވުރެ ފާގަތި ދުވަސްތަކެއް ދިވެހިރައްޔިތުންނަށް ހޯއްދަވައިދެވުނީސްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ތ. ގުރައިދޫ ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ މިދައުރުގެ ތެރޭގައި އިދިކޮޅު ފަރާތްތަކާއި، ޕީޕީއެމްގެ ތެރެއިން އެމަނިކުފާނަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރުވިކަމަށެވެ. އަދި މި ފިއްތުންތަކުގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި މަޑުޖެހުންތަކެއް އައިކަމަށާއި މި ފިއްތުންތައް ކުރިމަތިނުވިނަމަ ދިވެހިރައްޔިތުންނަށް މިއަށްވުރެ މާ ފާގަތި، މާ އުފާވެރި ދުވަސްތަކެއް ހޯއްދަވައިދެވުނީސްކަމަށެވެ.

ރިޔާސީ އިންތިޚާބަށް ތާޢީދު ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅެއްގައި ތ. ގުރައިދުއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމް އުފެއްދުމުގެ އެންމެ މުހިންމު މަޤްޞަދަކީ އިސްލާމް ދީން ޙިމާޔަތް ކުރުން ކަމަށެވެ. އަދި ޕީޕީއެމް އުފެއްދުމުގެ އެންމެ މަތީ މަޤަޞަދުތައް އަދިވެސް އެގޮތުގައި ދެމިއޮތްކަމަށް ޕީޕީއެމްގެ އެންމެ އިސް ލީޑަރ އަދި އެޕާޓީގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޕީޕީއެމްގެ ފިކުރު ބަދަލު ނުވާކަމަށާއި، ފިކުރު ބަދަލުވީ ޕީޕީއެމުން ވަކިވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ޕީޕީއެމްގެ ލީޑަރޝިޕްގައި ކުރިން ތިބި މީހުންގެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނު ދިވެހި ޤައުމުގެ ކުރިމަގާއި ތަރައްޤީއަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްޕުޅާ ހުރިހާ ރައްޔިތުން ގުޅުމަށް ގޮވާލައްވާފައެވެ.

"އަޅުގަނޑުމެންނަކީ ރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރަން ނިކުމެ ތިބި ބައެއް. އަޅުގަނޑުމެންނަކީ ފަރުދުންގެ ޙައްޤުތަކާ މަސްލަހަތުތައް ޙިމާޔަތްކުރަން ނިކުމެ ތިބި ބައެއް. މިކަމުގައި އަޅުނޑުމެން އެކަނި ތިބޭކަން ނުޖެހޭ. މި މަސައްކަތުގައި ހުރިހާ ރައްޔިތުން ބައިވެރިވާންޖެހޭ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރައްޔިތުން ބޭނުންވަނީ ދިވެހިރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދޭނެ ވެރިއެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުން ދިވެހިރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދޭން ކުރަމުންދާ މަސައްކަތުގައި އިދިކޮޅު ފަރާތްތަކުގެ އެއްވެސް އެއްބާރުލުމެއް ލިބިފައި ނުވާކަމަށެވެ.