ޚަބަރު

ބްރިޖާއިބެހޭ މަޝްރޫޢުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި





 


މާލެއާ ހުޅުލެއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖްގެ މަޝްރޫޢާ ބެހޭ މެމޮރަންޑަމް އޮފް އަންޑަސްޓޭޑިންގައި ދިވެހި ސަރުކާރާ  ޗައިނާ ސަރުކާރާ ދެމެދު ސޮއިކުރައްވައިފިއެވެ.


 
މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ  އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.


 
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އެންމެ ބޮޑު ވައުދު ކަމަށްވާ އިޤްތިޞާދު ކުރިއެރުވުމުގެ  ސިޔާސަތުގައި ހިމެނޭ އިޤްތިޞާދީ މަޝްރޫޢުތައް ފެށުމަށް ގިނަ މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ. ހާއްސަކޮށް ބޭރުގެ އިންވެސްޓަރުން ރާއްޖެ ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށްލެވެއެވެ. އޭގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ މާލެ އާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖްގެ މަޝްރޫއެވެ.


 
ބްރިޖް އެޅުމަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީ ލިބޭނެކަމުގެ ޔަޤީންކަންވަނީ ލިބި އެކަމަށްޓަކައި ދިވެހި ސަރުކާރާ ޗައިނާ ސަރުކާރާ ދެމެދު އެއްބަސްވުމުގައިވަނީ ސޮއިކޮށްފައެވެ. ހުޅުލެ މާލެ ބްރިޖްގެ އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރ އަދި ސަރުކާރުގެ އެކޮނޮމިކް ކައުންސިލްގެ ކޯ ޗެއާ އަހުމަދު އަދީބެވެ.


 
ހުޅުލެ މާލެ ބްރިޖް މަޝްރޫޢުއަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިދިޔަ މަހު ޗައިނާއަށް ކުރެއްވި ޒިޔާރަތުގައި ޗައިނާގެ ފަރާތުން އެންމެބޮޑަށް އެހީ ބޭނުންވާ މަޝްރޫޢުގެ ގޮތުގައި ފާހަގަކުރެއްވާފައިވާ މަޝްރޫޢުވެސްމެއެވެ. އަދި އެދަތުރު ނިންމަވާލެއްވުމަށްފަހު ރައީސް ޔާމީން ވަނީ އެ މަޝްރޫޢު ކުރިޔަށް ގެންދިއުމަށް ޗައިނާގެ ކޮންޓްރެކްޓަރަކާ ހަވާލުކުރެވޭނެކަމުގެ ޔަގީންކަން އަރުވާފައެވެ.


 
މީގެ އިތުރުން ޗައިނާއާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ ނުވަ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ.


 
ސޮއިކުރެވުނު މިއެއްބަސްވުންތަކުގެ ތެރޭގައި، ދެޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމާއި، ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އިޤްތިޞާދީ ގުޅުން ބަދަހިކުރުމާ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ އެއްބަސްވުމާއި، ދެޤައުމުގެ ދެމެދުގައި އޮތް ޞިއްޙީ ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުމުގެ އިތުރުން، ޗައިނާގެ ފަތުރުވެރިންނަށް ސަލާމަތާ ރައްކާތެރިކަން، ދިނުމާއި ބެހޭ އެއްބަސްވުމާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ޢުމްރާނީ ތަރައްޤީއާ ބެހޭ އެއްބަސްވުން ފާހަގަކޮށްލެވެއެވެ.


 
އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމާ ބެހޭ އެއްބަސްވުމާއި، މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ދަ ގްރޭޓަރ މާލެ ސެންޓްރަލް ޕަވަރ ސްޓޭޝަން ޕްރޮޖެކްޓްނުވަތަ ސްޓޭލްކޯ ޕަވަރ ޕްރޮޖެކްޓްގައިވެސް މިއަދުވަނީ ސޮއިކުރައްވާފައެވެ.


 
ސޮއިކުރެއްވުމުގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޗައިނާގެ ރައީސް ޝީ ޖިންޕިންގ ބައިވެރިވެވަޑައިގެންނެވިއެވެ.