ޚަބަރު

ރައީސް ޔާމީން ފ. އަތޮޅަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރެއްވުމަށް ފ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ.

ރައީސް ޔާމީން ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ މިއަދު ހެނދުނު ވަޑައިގަތީ ފ. ފީއައްޔަށެވެ. ފީއައްޔަށް ވަޑައިގަތުން އެރަށުގެ ރައްޔިތުންވަނީ އެމަނިކުފާނަށް ހޫނު މަރުޚާބާއެއް ދަންނަވާފައެވެ. ފީއައްޔަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފީއަލީ ރައްޔިތުންނާއި ބަދައްލުކުރައްވާ ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވާފައެވެ.

ފީއައްޔަށް ފަހު ދެން ރައީސް ވަޑައިގަތީ ފ. ބިލެއްދޫއަށެވެ. އެ ރަށުންވެސް އެ ރަށުގެ ރައްޔިތުންވަނީ އެމަނިކުފާނަށް ޚޫނު މަރުޚަބާއެއް ދަންނަވާފައެވެ. ބިލެއްދޫއަށްފަހު ދެން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތީ ފ. ދަރަނބޫދޫއަށެވެ. އަދި މިއަދު ހަވީރު ރައީސް ޔާމީންވަނީ ފ. ނިލަންދޫއަށް ވަޑައިގެންފައެވެ. ނިލަދޫން އެމަނިކުފާނަށް މަރުޚަބާ ދެންނެވީ ނިލަންދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް އާއި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނެވެ. ރައީސުލްޖުމްހޫރިއްޔާ ނިލަންދޫއަށް ކުރައްވާ ދަތުރުފުޅުގައި މިރޭ އަރަށު ހިއްކި ސަރަޙައްދުގައި ޕީޕީއެމުން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ރަސްމީކޮށް ކެމްޕެއިން ކުރެއްވުމަށް ރައީސް އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.