ޚަބަރު

ޗައިނާގެ ރައީސް ޝީ ޖިންޕިންގަށް ހޫނު މަރުހަބާއެއް ދަންނަވައިފި


 
 
ޗައިނާގެ ރައީސް ޝީ ޖިންޕިންގ މިއަދު މާލެ ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. 
 
ޗައިނާގެ ރައީސްގެ މިދަތުރުފުޅަކީ   ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ ދަޢުވަތަކަށް، ‏ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއި އަނބިކަނބަލުން މެޑަމް ޕެންގ ލިއުއާން ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގެ މި ދަތުރުފުޅަކީ، 14 އޮކްޓުބަރ 1972 ވަނަ އަހަރު ޗައިނާއާއި ރާއްޖެއާއި ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރުވެނު ފަހުން އެޤައުމުގެ ރައީސަކު ރާއްޖެ ކުރައްވާ ފުރަތަމަ ދަތުރުފުޅު. ރާއްޖެއާއި ޗާއިނާއާއި ދެމެދު ސިޔާސީ އަދި އިޤްތިސާދީ ގުޅުން ވަރުގަދަ ކުރުމުގެ ރަސްމީ މަޝްވަރާތަކަށް ރައީސް ޝީ ޖިންޕިންގ މާލެ ވަޑައިގެންނެވުމުން، ރަސްމީ ގޮތުން މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، ހެނދުނު ޖުމްހޫރީ މައިދާނުގައި. ރަސްމީ ފާލަމުން މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިނކަނބަލުން ފާޠިމަތު އިބްރާހީމެވެ.
 
ރައީސް ޝީ ޖިންޕިންގެ ދެކަނބަލުން މާލެއަށް ފައިބާވަޑައިގަތުމާއެކު، ބިއުގަލް ކޯލެއް ވަނީ އަރުވާފައެވެ. މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއާއި ޗައިނާގެ ރައީސް ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 21 ބަޑީގެ ސަލާމެއް އެރުވުނު.  އަދި ޗައިނާއާއި، ދިވެހިރާއްޖެއާ ދެޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ޗައިނާގެ ރައީސްގެ ޝަރަފްގައި އޮތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނަރެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ. މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، ދިވެހި ދައުލަތުގެ ވަޒީރުންނާއި، އެ ފެންވަރުގެ ބޭފުޅުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ޗައިނާގެ ރައީސަށް ތަޢާރުފުކޮށް އަރުވާފައިވެއެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އަރުވާފައެވެ. ޖުމްހޫރީ މައިދާނުގައި އޮތް ހާއްސަ ރަސްމިއްޔާތަށް ފަހު ރަސްމީ މަޝްވަރާތަކަށް ރައީސް އޮފީހަށް ވަޑައިގެންފައިވަނީ ހަތްކޮޅުގައެވެ. ހަތްކޮޅަކީ އިހުގައި ރަދުން ރަސްމީ ތަންތަނަށް ވަޑައިގެންނަވާއިރު އިސްތަށިފުޅަށް ނަންގަވާފައި ހުންނަ ކުޑައެކެވެ. 
 
ރައީސް އޮފީހުގައި ކުރިއަށްގެންދެވުނު ރަސްމީވާހަކަފުޅުތަކަށްފަހު، ޗައިނާގެ ރައީސް ޝީޖިންޕިންގ ދެން ޒިޢާރަތްކުރެއްވީ  1988ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ޝަހީދުވި ޝަހީދުންގެ ހަނދާނުގައި ޖުމްހޫރީ ބިނާކައިރީ ބިނާކުރެވިފައިވާ ޝަޙީދުންގެ ބިނާ ބައްލަވާލެއްވުމަށެވެ. ޖުމްހޫރީ ބިނާކައިރިން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްއާއި، ޓޫރިޒަމް މިނިސްޓަރ އަޙުމަދު އަދީބްގެ އިތުރުން އެމް.އެން.ޑީ.އެފްގެ އިސްބޭފުޅުންނެވެ.
 
ޝަހީދުންގެ ބިނާ ބައްލަވާލެއްވުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ކުރެއްވި މި ޒިޢާރަތުގައި، އެމަނިކުފާނުގެ ޝަރަފުގައި އެމް.އެން.ޑީ.އެފްގެ ފަރާތުން ވަނީ ގާޑް އޮފް އޮނަރއެއް އަރުވާފައެވެ. މީގެ އިތުރުން ނޮވެމްބަރު ތިނެއްގެ ޢުދުވާނުގައި ޝަހީދުވި ޝަހީދުންނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން ގެނެވުނު ހަމަހިމޭންކަމުގެ ސުކޫތުގައި އެމަނިކުފާނުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.