ޚަބަރު

ރާއްޖެއަށް އެރުމަށް ގޮވާލި ގޮވާލުމަށް އިދިކޮޅު ކެންޑިޑޭޓު ހަނު!


އިންޑިއާއިން ރާއްޖެ ހަތިޔާރާއެކު އަރައި، ރާއްޖެ ހިފުމަށް ގޮވާލާފައިވާ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގައި ވެރިކަންކުރާ ހިންދޫ ބީޖޭޕީ ތަމްސީލުކުރާ ސުބްރަމާނިއަމް ސްވާމީ ކުރި ޓުވީޓަކާއި ގުޅިގެން ސުބްރަމާނިއަމް ސްވާމީއަށް ސޯޝަލް މީޑިއާގައި އަންނަނީ އެތައް ފާޑުކިއުންތަކެއް އަމާޒުވަމުންނެވެ.
މި ޓުވީޓުވެގެން ދިޔައީ ދިވެހި އެތައް ބައެއްގެ ލެއާ ކުޅެލި ކަމަކަށެވެ. ދިވެހިންގެ ތެރެއިން ޤައުމަށް ޣައްދާރު ބަޔަކު ފަހަތުގައި ނޫނެކޭ ބުނެ ތިބެ އަބަދުވެސް ބޭރުގެ އެކި ފަރާތްތަކުން ބުނާ ބުނުންތަކަށް ދިވެހިން އަންނަނީ ސާބިތުކަމާއި އެކީގައި ފާޑުކިޔަމުންނެވެ.

ވޭތުވެދިޔަ ދުވަހު ސޯޝަލް މީޑިއާއަށް ބަލާލުމުން މިހާރު ފެނިގެން ދަނީ ގިނަ ޢަދަދެއްގެ ދިވެހިން މި ޤައުމާއި ދީނާ ނުކުޅުމަށް ގޮވާލައި ކޮށްފައިވާ ޤައުމީ އެކި ޝުޢޫރުތައް ހިމެނޭ ޕޯސްޓަރުތަކުން ސޯޝަލް މީޑިއާ ހިސޯރުކޮށްފައިވާ ތަނެވެ.

ސަރުކާރަށް ނިސްބަތްވާ އެތައް ބޭފުޅުންނެއް ސުބްރަމާނިއަމް ސްވާމީގެ އެ ވާހަކަތަކަށް ފާޅުގައި އަންނަނީ ރައްދު ދެއްވަމުންނެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ. އެއީ ދިވެހިންގެ ކަންކަން ނިންމުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ދިވެހިންނަށް ފުރިހަމައަށް ލިބިގެންވެއެވެ. ބޭރުގެ ކަރަކަރައިން ރާއްޖެ އަރާ ރާއްޖެ ހިފަންޖެހޭ އެއްވެސް ސަބަބެއްވެސް ނެތެވެ. މިއީ މިނިވަންކަމާއި އެކީގައި ހިނގާ މުސްތަޤިއްލު ޤައުމެކެވެ. ބޭރުގެ މީހުން ކިތަންމެ ވަރަކަށް "ކެކުނަސް" މި ޤައުމުގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދޭނެއެވެ. މި ޤައުމުގެ ޤާނޫނުތަކާއި ޤަވާއިދުތައް ހެދޭނީ އިސްލާމީ ޝަރީޢަތާއި އިސްލާމީ ޢުސޫލުތަކުގެ މައްޗަށެވެ.

ނަމަވެސް ހިތާމައަކީ ދިވެހިންގެ ތެރެއިން އެތައް ބަޔަކު ފާޅުގައި ސުބްރަމާނިއަމް ސްވާމީގެ ވާހަކަތަކަށް ފާޅުގައި ރައްދު ދެމުންދިޔަ ނަމަވެސް ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ވެރިކަމަށް ވަޑައިގަތުމަށް ފައިހަމަކޮށްގެން ރައްޔިތުން ގާތު ވޯޓު ދެއްވުމަށް އެދި ދަންނަވަމުންދާ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު މިކަމަށްވެސް "ޗުއްޕު"ވެސް ވިދާޅުނުވެ ހިމޭނުން ހުންނެވީއެވެ.

އިބްރާހިމް މުޙައްމަދު ސޯލިހް މިހާރުވެސް އުޅުއްވަނީ ކެމްޕެއިންގައެވެ. ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކުރައްވަމުން ގެންދަވާއިރު ސުބްރަމާނިއަމް ސްވާމީގެ ޓްވީޓަށްފަހު ރ. ދުވާފަރުގައި ދުވާފަރު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ނަމަވެސް ހަމަ ހިލާ ސުބްރަމާނިއަމް ސްވާމީ ކުރި ޓުވީޓަށް އެކައްޗެއްވެސް ވިދާޅެއްނުވިއެވެ. ރައްޔިތުންތަކެއް ތިބީ އެމަނިކުފާނު އެންމެ ކުޑަމިނުން ސްވާމީ ދެއްކި ވާހަކަ އަޅުގަނޑު ކުށްވެރިކުރަމޭވެސް ބުނެލާނެ ކަމުގެ އުއްމީދުގައެވެ. ދެ ގަޑިއިރުގެ ޖަލްސާ ނިމިގެންދިޔައިރު ވެސް އިބްރާހީމް މުޙައްމަދު ޞޯލިހުގެ އިތުރުން އިދިކޮޅު އެމްޑީޕީގެ އެއްވެސް ބޭފުޅަކުވެސް ސްވާމީގެ ވާހަކައާ ގުޅިގެން އެއްޗެއް ބުނެފައެއް އެވެ. މިކަމުން ރައްޔިތުން ނަގަންވީ ކޮން މާނައެއް ހެއްޔެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ އިތުރުން އަދާލަތު ޕާޓީއާ ޤާސިމް އިބްރާހީމާއި ޖުމްހޫރީ ޕާޓީ އަދި ކުރީގެ ރައީސް މަޢުމޫނަށް ތާޢީދު ކުރައްވާ ފަރާތްތަކުން މިކަމަށް ހަނު ހުރުމަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރައްވާ ކަންކަމަށް ރުހި ޤަބޫލުވުންކަން ދޭހަވެއެވެ.