ޚަބަރު

ޓިވެޓާއި ބީޓެކް މެދުވެރިކޮށް މިހާތަނަށް ސާދަހާހަށްވުރެ ގިނަ ދަރިވަރުން ތަމްރީނު ކުރެވިއްޖެ- އެޑިއުކޭޝަން މިނިސްޓަރ


ޓިވެޓާއި ބީޓެކް މެދުވެރިކޮށް މިހާތަނަށް ސާދަހާހަށްވުރެ ގިނަ ދަރިވަރުންނަށް ތަފާތު ދާއިރާތަކުން ތަމްރީން ދީފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑެތި އިންޤިލާބީ ބަދަލުތަކެއްގެނައި އެއް ދާއިރާއަކީ ތަޢުލީމީ ދާއިރާކަމަށް. މިނިސްޓަރ ވިދާޅުވީ ދެހާސް ތޭރަ ވަނަ އަހަރު ސަރުކާރު ހިންގުމާ ހަވާލުވި ހިސާބުން މި ސަރުކާރުން ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ހުރި ދަތިތަކާއި ގޮންޖެހުންތައް ވަރަށް ބޮޑަށް ދިރާސާކުރިކަމަށް. އެގޮތުން ސްކޫލްތަކުގެ އިސްވެރިންނާއި، ބެލެނިވެރިންނާ ބައްދަލުކޮށް މިދާއިރާ އިތުރަށް ރަނގަޅުކުރުމަށް ކުރެވެންހުރި ކަންކަން ވަރަށް ބޮޑަށް ބެލިކަމަށް މިނިސްޓަރ ވިދާޅުވި.

ތަޢުލީމީ ދާއިރާގައި ހުރި ގޮންޖެހުންތައް ބެލުމަށް ސަރުކާރުން ކުރި މަސައްކަތުން އެންމެ ބޮޑަށް ފާހަގަކުރެވުނު މައްސަލައަކީ، ބައެއް ދަރިވަރުންނަށް ސްކޫލު ދައުރު ނިމޭއިރު ޢަމަލީ މައިދާނުގައި ކުރިއަށްދާން ބޭނުންވާ ދާއިރާތަކުން ތަމްރީން ލިބިފައިނެތުމާއި، އެކުދިންގެ ނަތީޖާ ދައްވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ސްކޫލް ދައުރު ނިންމާލުމަށްފަހު އާމްދަނީ ހޯދޭނެ ގޮތެއްނެތި އެތައް ޒުވާނުންތަކެއް ތިބިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޓިވެޓާއި ބީޓެކް ޕްރޮގްރާމަކީ ސްކޫލް ދައުރު ނިންމާ މުޖުތަމައަށް ނުކުންނަ ދަރިންނަކީ މުޖުތަމައަށް ބޭނުންހިފޭ ދަރިންތަކަކަށް ހެދުމަށް ސަރުކާރުން ފެށި މަސައްކަތުގެ ދަށުން ތަޢާރަފްކުރި ޕްރޮގްރާމްތަކެކެވެ. މިނިސްޓަރ ވިދާޅުވީ މިހާރު ސްކޫލުތަކުގައި ގްރޭޑް ދިހައެއްގައި ކިޔަވާ ކުދިންގެ ސާޅީސް ހަތް އިންސައްތައަކީ މިއިން ޕްރޮގްރާމެއްގައި ކިޔަވަމުންދާ ކުދިންކަމަށެވެ. އަދި ތަޢުލީމީ ދާއިރާއަށް މިގެނައި ބަދަލުތަކާއެކު ކުދިންގެ ޝަޢުގު އިތުރުވެ، އެހެނިހެން މާއްދާތަކުން ފާސްވާ ކުދިިންގެ ޢަދަދުވެސް އިތުރުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ސްކޫލް ނިންމާ ކުދިން މުޖުތަމަޢުއަށް ނިކުންނައިރު، އާމްދަނީ ލިބޭނެ މަގުވެސް މި ޕްރޮގްރާމްތަކުގެ ސަބަބުން ވަރަށް ބޮޑަށް ފަހިވެގެންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ބީޓެކް ޕްރޮގްރާމް ބައްޓަންކޮށްފައިވަނީ ކިޔަވާ ދަރިވަރުންނަށް ރަށުން، ނުވަތަ ކުއްޖާ އުޅޭ ތަނެއްގައި ހުރި ވަޒީފާގެ ފުރުޞަތުތަކަށް ބަލައިގެންކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ބީޓެކާއި، ޓިވެޓްގެ ޒަރިއްޔާއިން މިހާރުވެސް އެއްހާހަށްވުރެ ގިނަ ފަރމަސީ އެސިސްޓެންޓުންނާއި، އިލެކްޓްރިޝަނުންނާއި، ޑައިވިންގް އިންސްޓްރަކްޓަރ ކޯސްފަދަ ކޯސްތަކުގެ އިތުރުން، ފަތުރުވެރިކަމުގެ ގިނަ ދާއިރާތަކުން ކުދިންވަނީ ތަމްރީންކޮށްފައެވެ.

މިނިސްޓަރ ވިދާޅުވީ ޓިވެޓާއި ބީޓެކް ކޯސްތައް ނިންމާ ކުދިން މުޖުތަމަޢުއަށް ނިކުންނައިރު، އެކުދިންނަށްހުރި ވަޒީފާގެ ފުރުޞަތުތަކަކީ ކޮބައިތޯބަލައި، ކަމާގުޅުންހުރި ފަރާތްތަކާއި ގުޅިގެން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްވެސް މަސައްކަތް ކުރަމުންދާކަމަށެވެ.