ޚަބަރު

ރާއްޖެ ހިފަން ގޮވާލި އިންޑިއާގެ މަޖިލިސް މެމްބަރު ހޫނު ފެނަށް


އިންޑިއާއިން ރާއްޖެ ހަތިޔާރާއެކު އަރައި، ރާއްޖެ ހިފުމަށް ގޮވާލާފައިވަނީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގައި ވެރިކަންކުރާ ހިންދޫ ބީޖޭޕީ ތަމްސީލުކުރާ ސުބްރަމާނިއަމް ސްވާމީ ކުރި ޓުވީޓެއްގައެވެ.

ސުބްރަމާނިއަމް ސްވާމީއަކީ އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ހަރަކާތްތައް ހިންގުމަށް ހިތްވަރުދޭ މީހެކެވެ. މިގޮތުން މުސްލިމުންނަށް އަނިޔާކޮށް، ދިރިތިއްބާ އަންދާލުން ފަދަ އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގުމުގެ އަޑީގައި އޭނާ ހުރިކަން ވަނީ ސާބިތުވެފައެވެ.

އަނެއްކޮޅުން ސްވާމީއަކީ ފަލަސްތީނުގެ މުސްލިމުންނަށް އަނިޔާދެމުންދާ އިސްރާއިލުދެކެ ވަރަށް ލޯބިވާ މީހެކެވެ. އިސްރާއިލާއެކު އިންޑިއާއިން ބާއްވާ ގުޅުން ބަދަހިކުރުމުގައި ސްވާމީގެ ޚިއްސާ ބޮޑެވެ. މީގެއިތުރުން އިންޑިއާގައި އުޅޭ މުސްލިމުންނަކީ ހިންދޫއިންނަށްވުރެ ދަށު ދަރަޖައިގެ ބަޔަކަށް ހެދުމަށް ފޮތްތައް ލިޔެފައިވާއިރު، އިސްލާމްދީނަށް ތަކުރާރުކޮށް މީނާ ވަނީ ފުރައްސާރަކޮށްފައެވެ.

ސުބްރަމާނިއަމް ސްވާމީ ކުރި ޓުވީޓު

އިންޑިއާއިން ރާއްޖެ ހިފުމަށް ސްވާމީ ގޮވާލާފައިވާއިރު، އޭނާ ވަނީ ދާދިފަހުން އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދާ ބައްދަލުކޮށްފައެވެ. މިބައްދަލުވުމުގައި ނަޝީދު ވަނީ އިންޑިއާއިން ރާއްޖެއަށް އަރައިގަތުމަށް ސްވާމީ ކައިރީ އެދިފައެވެ. ނަޝީދާ ބައްދަލުކުރުމަށްފަހު އިންޑިއާގެ ބީޖޭޕީގެ އިސް މެމްބަރެއްކަމަށްވާ ސުބްރަމާނިއަމް ސްވާމީ ބުނެފައިވަނީ، ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ކުރިއަށްއޮތްއިރު އިންޑިއާއިން ބަލަން ތިބިގެންނުވާނެކަމަށެވެ. އަދި ރައީސް ޔާމީން އިންތިޚާބު ކާމިޔާބުކުރާނެކަން ޔަޤީންކަމަށާއި އެކަމަށް އިންޑިއާއިން ފިޔަވަޅުތަކެއް އެޅުމާ ގުޅޭގޮތުން 13 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ ނަޝީދާއެކު މަޝްވަރާކޮށްފައިވާކަމަށެވެ.

ރާއްޖެއަށް އިންޑިއާއިން އަރައިގަތުމަށް ސްވާމީ ގޮވާލުމުން ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔައި، އޭނާގެ ޢަމަލު ކުށްވެރިކޮށްފައެވެ. އޭނާއަށް އެންމެ ބޮޑަށް ފާޑުކިޔަމުންދާ މީހުންގެ ތެރޭގައި ގިނައީ އިންޑިއާ މީހުންނެވެ. މިގޮތުން އިންޑިއާގައި ކުރިއަށްދާ އިންތިޚާބުތަކުގައި އޮޅުވާލަމުންދާއިރު އެކަމާ ގުޅިގެން ޤައުމަކުން އިންޑިއާއަށް އެރުން އެއީ ރަނގަޅުކަމެއްތޯ ބައެއް މީހުން ވަނީ ސްވާމީ ކައިރީ އަހާފައެވެ. ބައެއް މީހުން ބުނެފައިވަނީ އިންޑިއާގައި ކިޔަވައިގެން ތިބި މީހުން ކިތަންމެ ގިނަޔަސް، ސްވާމީ ފަދަ މޮޔައިންގެ ސަބަބުން އިންޑިއާއަށް ކުރިއެރުމެއް ނުލިބޭނެކަމަށެވެ. މީގެ އިތުރުން އަސާސީ ހައްޤުތައް ފުރިހަމައަށް ނުލިބޭ މީހުން އިންޑިއާގައި އުޅޭއިރު، ރާއްޖޭގެ ސިޔާސީ ކަންކަމާ ނުބެހި އެމީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެންނަން މަސައްކަތްކުރަން ބައެއް މީހުން ގޮވާލާފައިވެއެވެ.

ސްވާމީއަށް ފާޑުކީ ސިޔާސީ ބޭފުޅުން ވިދާޅުވެފައިވަނީ ރާއްޖޭގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައި އޮތްވާ އިންޑިއާގެ އިސް ބޭފުޅަކު މިފަދަ ކަމެއްކުރާނީ އިންތިޚާބަށް ސީދާ ނުފޫޒު ފޯރުވުމަށްކަމަށެވެ. އަދި މިއީ ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، އިންތިޚާބުން ވަކި ނަތީޖާއެއް ނެރުމަށް އިންޑިއާ އަޑީގައި އޮވެގެން ކުރާކަމެއްކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
ނަމަވެސް ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހެމުގެ ހައްޤެއް އެއްވެސް ފަރާތަކަށް ނޯންނާނެކަމަށާއި އެފަދަ ޖާގައެއްވެސް ނުދޭނެކަމަށް ގިނަ މީހުން ދަނީ ބުނަމުންނެވެ.

ބައެއް ފަރާތްތަކުން ވަނީ މިކަމުގައި ކުރީގެ ރައީސް ނަޝީދާއި އެމްޑީޕީގެ އިސް މީހުންނަށްވެސް ފާޑު ކިޔާފައެވެ. އަދި ނަޝީދު އިސްކޮށް ހުރެގެން މިފަދަ ކަމެއްކުރާއިރު، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އެއްވެސް އެއްޗެއް ވިދާޅުނުވާތީ ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިއީ ޤައުމަށް ޣައްދާރުވުމުގެ ޢަމަލެއްކަމަށާއި މިކަމުގެ އަޑީގައި ތިބި މީހުންނަށް ހަރުކަށި އަދަބު ދިނުމަށްވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ސުބްރަމާނިއަމް ސްވާމީ ކޮށްފައިވާ ޓުވީޓެއް