ޚަބަރު

މާމިގިލީ ތަރައްޤީ އެކެއްގެ މައްޗަށް ބަރޯސާވެފައި އޮތުން ނިމުމަކަށް ގެންނާނަން - މިނިސްޓަރ ސަޢީދު


އދ.މާމިގިލީގެ ރައްޔިތުންގެ ކުރިއެރުން އެކެއްގެ މައްޗަށް ބަރޯސާވެފައި އޮންނަ އޮތުން ބަދަލުކުރައްވާނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރ މިހެން ވިދާޅުވީ މާދަމާ އެމަނިކުފާނު އދ. މާމިގިއްޔަށް ކުރައްވަން ހަމަޖެހިފައިވާ އޮތް ދަތުރުފުޅާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުންނެވެ. އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވީ މާމިގިލި ޒުވާނުންގެ ކުރިމަގަށާއި މާމިގިލީގެ ތަރައްޤީއަށް މިހާރުވެސް އެތައް ކަމެއް ޕްލޭން ކުރެވިފައިވާކަމަށެވެ.

މާމިގިލި ރައްޔިތުންގެ ވިޔަފާރިއާއި ކުރިއެރުން އެންމެ މީހެއްގެ މައްޗަށް ބަރޯސާވެފައި އޮތް އޮތުމުގެ ސަބަބުން ރައްޔިތުންނަށް މާޒީގައި އެތަކެއް ހުރަސްތަކެއް ކުރިމަތިވެފައިވާކަން މިނިސްޓަރ ސަޢީދު ފާހަގަކުރެއްވިއެވެ. އަދި އެހުރަސްތައް ލަސްތަކެއް ނުވެ، މާމިގިލިން ނައްތާލާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މާމިގިލި ތަރައްޤީއަށް ގިނަ ޕްލޭންތަކެއް ސަރުކާރުން ރާވާފައިވާއިރު، މިދިޔަ މޭމަހު ސަރުކާރުން ވަނީ ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު އިންޓަނޭޝަނަލް ޕޯޓު މާމިގިލީގައި ހުޅުވާފައެވެ. މާމިގިލީގައި މިބަނދަރު ސަރުކާރުން ހަދާފައިވަނީ އެ ސަރަޙައްދަކީ ރިސޯޓުތައް ގިނަ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކުރިއާށްގެންދާ ސަރަޙައްދަކަށް ވުމުންނެވެ. މީގެއިތުރުން މި ބަނދަރުގެ ސަބަބުން އެ ސަރަޙައްދަށް މުދާ އުފުލުމަށްކުރާ ޚަރަދު ކުޑަވުމާއި މާލޭ ބަނދަރުގެ ތޮއްޖެހުން އެތައް ގުނައަކަށް ކުޑަވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.