ޚަބަރު

އެފް.އެޗް.އެސްގެ ކޯސްތަކާއިބެހޭ މައުލޫމާތު ދިނުމަށް ހާއްސަ ހަރަކާތްތަކެއް





 


ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސަސް(އެފް.އެޗް.އެސް)ގެ ކޯސްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އެފެކަލްޓީގައި ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފިއެވެ.


 
އެފް.އެޗް.އެސްގެ 41 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ހެނދުނު ނުވަޔަކުން ހަވީރު ހަޔަކަށް ކުރިޔަށްގެންދިޔަ މިހަރަކާތުގައި، އެފެކަލްޓީގައި ކުރިޔަށްގެންދާ ތަފާތު ކޯސްތަކާއި ބެހޭ މައުލޫމާތާއި، ދަރިވަރުން ކިޔަވާއިރު އުޅެންޖެހޭ މާހައުލުގެ މައުލޫމާތު ހޯދަން ޒިޔާރަތްކުރާ ފަތާތްތަކަށް އެ މައުލޫމާތު ދީފައިވެއެވެ. އެގޮތުން ލެބޯޓްރީތަކާއި އެހެނިހެން ވަސީލަތްތަކުގެ އިތުރުން ފަސްޓް އެއިޑާއި، އާންމު ސިއްޙަތާބެހޭ މައުލޫމާތު އަދި ބޮޑީ މާސް އިންޑެކްސް ބަލައިދިނުންފަދަ ހަރަކާތްތަށްވެސް ކުރިޔަށްގެންގޮސްފައިވެއެވެ.


 
ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ޑީން  އާއިޝަތު ޝާހީން ހުސެއިން ވިދާޅުވީ، އެފެކަލްޓީގެ ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށާއި، މިއަދުގެ ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީ ހެލްތު ދާއިރާގެ ކޯސްތަކަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ކޯސްތަކާއި ފެކަލްޓީއާއި ބެހޭ ފުރިހަމަ  މައުލޫމާތުދިނުންކަމަށެވެ.
 
 


އެޑްވާންސް ސެޓްފިކެޓް ލެވަލުން ފެށިގެން މަސްޓަރސް ފެންވަރަށް ކޯސްތައް ހިންގަމުންދާ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގައި މިހާރުވެސް ތަފާތު 20 ދާއިރާއެއްގެ ކޯސް ހިންގަމުންދާއިރު، އަންނަ އަހަރު ސޯޝަލް ވޯކްއާ،ފިޒިއޮތެރަޕީ، އަދި ހެލްތު ސަރވިސް މެނޭޖްމަންޓްގެ އިތުރުން ކައުންސިލިންގ ޑިގްރީ ކޯސްތައް ފެއްޓުމަށް މަސައްކަތް ކުރަމުންދާކަމަށް ފެކަލްޓީން މައުލޫމާތުދެއެވެ.