ޚަބަރު

ކުޅުދުއްފުށި ރައްޔިތުން ތިބީ ތަރައްޤީއާއެކު - މެމްބަރު ނަޝީދު


ސަރުކާރުން ހދ.ކުޅުދުއްފުށީގައި ހިންގާ ތަރައްޤީގެ މަސްރޫޢުތަކާ ދެކޮޅު އެއްވެސް ރައްޔިތަކު އެރަށުގައި ނެތްކަމަށާ، އެރަށުގެ ރައްޔިތުން ތިބީ ތަރައްޤީއާއެކުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު އަލްއުސްތާޛު މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީގައި ސަރުކާރުން ކުރިއަށްގެންދިޔަ މަގުހެދުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަލްއުސްތާޛު މުޙައްމަދު ނަޝީދު ވިދާޅުވީ، ސިޔާސީގޮތުން ޚިޔާލު ތަފާތުވިނަމަވެސް އެރަށުގައި ސަރުކާރުން ހިންގަމުންދާ އެއްވެސް މަޝްރޫއަކާ ދެކޮޅު އެއްވެސް ރައްޔިތަކު އެރަށުގައި ނެތްކަމަށެވެ. އަދި މިސަރުކާރުން އެރަށަށް ގެނެސްދެމުންދާ ތަރައްޤީ ދަމަހައްޓައި އެ ގޮތުގައި ކުރިއަށްދިއުމަށް އެންމެންވެސް އެކުގައި މަސައްކަތް ކުރުމުގެ ރޫޙެއް އެރަށުގައި އެބައޮތްކަމަށްވެސް އަލްއުސްތާޛު މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

"ސިޔާސީ ވިސްނުން އެއީ އަދި ވަކިކަމެއް. އެހެންނަމަވެސް ރަށަށް އަންނަ ތަރައްޤީ އެގޮތުގައި ދެމެހެއްޓުމަށްޓަކައި، އަދި އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި އެއެންމެންވެސް އެކުގައި މަސައްކަތްކުރާ ރޫހެއް މިރަށުގައި އޮތްކަމުގައި އަޅުގަނޑު ރައީސް އަރިހުގައި ދަންނަވަން." މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ޒަމާނީ ފެންވަރަށް ތާރުއަޅައިގެން 16 މަގެއްހަދައި މިހާރުވަނީ ބޭނުން ކުރަންފަށާފައެވެ. މިއީ ސަރުކާރުގެ ބަޖެޓުން 65 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. އަދި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫއަށް 32 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި ކުރިއަށްއޮތް ދެމަހެއްހާ ދުވަހުގެތެރޭގައި ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ނިންމުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ.