ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް 5000 ރުފިޔާއަށް ބޮޑުކުރާނަން - ރައީސް


ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެއްވާ އިނާޔަތް ފަސް ހާސް ރުފިޔާއަށް ބޮޑުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީގައި ސަރުކާރުން ހިންގި ތަރައްޤީގެ މަޝްރުޢޫތަކުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކޮށްދީފައިވާކަމަށެވެ. މިގޮތުން ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖައްސާފައިވާކަމާއި އެކަމުގެ ސަބަބުން އެފަރާތްތަކަށް ގިނަ ފައިދާތަކެއް ކުރާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި ނުކެޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާއެއް ލިބެންދެން އެފަރާތްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ ސްކީމެއް ތަޢާރަފްކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ ދެހާސް ރުފިޔާގެ އިނާޔަތް ފަސް ހާސް ރުފިޔާއަށް ބޮޑު ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ އިދިކޮޅު ފަރާތްތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުގައި ވާހަކަ ނުދައްކާތީ އެކަމަށް ފާޑު ވިދާޅުވިއެވެ. އަދި ކުރީގެ އެއްވެސް ސަރުކާރުން ނުކެޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެއްވެސް މިންވަރަކަށް އަޅާނުލާކަންވެސް ރައީސް ޔާމީންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.