ޔޫރަޕިއަން ޔޫނިއަން، އީޔޫއިން ރާއްޖޭގެ ބައެއް ފަރުދުންނަށް ފިޔަވަޅު އަޅައިފިކަމަށް ބުނެ ޚަބަރު ފަތުރާފައިވަނީ ކްރިސްޓިއަން ދީން ފަތުރަން ޖަމާޢަތްތައް ހަދައިގެން އުޅޭ މީހެއްކަން ހާމަވެއްޖެއެވެ.
އީޔޫއިން ރާއްޖޭގެ ބައެއް ފަރުދުންނަށް ފިޔަވަޅު އަޅަން ނިންމިކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވަނީ އީޔޫގެ ޕާލިމެންޓުގައި ހިމެނޭ ޗެކް ރިޕަބްލިކް މީހެއްކަމަށްވާ ތޯމަސް ޒެކޮވްސްކީއާ ހަވާލާދީއެވެ. ކްރިސްޓިއަން ދީން ފަތުރާ މީހާއާ ޙަވާލާދީ ދިވެހި މީޑިއާތަކުން ބުނެފައިވަނީ، ރާއްޖޭގެ 41 މީހަކަށް ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ޔޫނިއަންގެ ޕާލިމެންޓުން ނިންމާފައިވާކަމަށެވެ. ނަމަވެސް މިއީ ކަނޑައެޅިގެން ހަޤީޤަތާ ޚިލާފު ވާހަކަތަކެއްކަން ހާމަވެފައިވާއިރު، އީޔޫ ޕާލިމެންޓަކީ މިފަދަ ފިޔަވަޅު އެޅުމުގެ ބާރުވެސް ލިބިގެންވާ ބައެއް ނޫންކަންވެސް މިހާރު މިވަނީ ދިވެހި ރައްޔިތުންނަށް ހާމަވެފައެވެ.
ތޯމަސް ޒެކޮވްސްކީއާ ކާކުތޯ ބަލާލައިރު، އޭނާއަކީ ޗެކް ރިޕަބްލިކުގައި ކްރިސްޓިއަން ދީން ފަތުރަން މަސައްކަތްކުރާ ކްރިސްޓިއަން ޑިމޮކްރެޓިކް ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ މެމްބަރެކެވެ. މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކްރިސްޓިއަން ދީން ފެތުރުމަށް އޭނާ ދަނީ ނޫސް މަޖައްލާތައް ހަދާ ޝަޢިޢުކުރަމުންނެވެ. އެގޮތުން ދެހާސްވަނަ އަހަރު ފެށިގެން ކްރިސްޓިއަން ދީން ފެތުރުމަށްޓަކައި ކްރައިސްޓް ނެޓް ނަމުގައި އޭނާ ދަނީ އޮންލައިން ނޫހެއްވެސް ހިންގަމުންނެވެ.
ކްރިސްޓިއަން ދީން ފަތުރަން މަސައްކަތްކުރާ މީހަކު ރާއްޖެއާ ބެހޭގޮތުން ދައްކާ ހަޤީޤަތާ ޚިލާފު ވާހަކަތައް މީޑިއާތަކުން ގެނެސްދޭތީ ގިނަ ބަޔަކު ދަނީ ރާއްޖޭގެ ބައެއް މީޑިއާތަކަށްވެސް ފާޑުކިޔަމުންނެވެ. މީގެ އިތުރުން ރިޔާސީ އިންތިޚާބު ކައިރިވެފައިވަނިކޮށް މިފަދަ އަމަލުތައް ހިންގަނީ އިންތިޚާބަށް ނުފޫޒު ފޯރުވައި، ވަކި ބަޔަކު ބޭނުންވާ ލާދީނީ ސިޔާސަތުތަކެއް ރާއްޖޭގައި ތަންފީޒުކުރުމަށްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.