ޚަބަރު

ރާއްޖެއަށް އަރައިގަތުމަށް އިންޑިއާގެ އިސްބޭފުޅެއްގެ އަރިހުން ނަޝީދު އެދިއްޖެ


އިންޑިއާއިން ރާއްޖެއަށް އަރައިގަތުމަށް އިންޑިއާގެ ވެރިކަންކުރާ ހަރުކަށި ހިންދޫއިން ކޮންޓްރޯލްކުރާ ބީޖޭޕީގެ އިސްބޭފުޅެއްގެ އަރިހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިއްޖެއެވެ.

ނަޝީދާ ބައްދަލުކުރެއްވުމަށްފަހު އިންޑިއާގެ ބީޖޭޕީގެ އިސް މެމްބަރެއްކަމަށްވާ ސުބްރަމާނިއަމް ސްވާމީ ބުނެފައިވަނީ، ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ކުރިއަށްއޮތްއިރު އިންޑިއާއިން ބަލަން ތިބިގެންނުވާނެކަމަށެވެ. އަދި ރައީސް ޔާމީން އިންތިޚާބު ކާމިޔާބުކުރާނެކަން ޔަޤީންކަމަށާއި އެކަމަށް ފިޔަވަޅުތަކެއް އެޅުމާ ގުޅޭގޮތުން 13 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ނަޝީދާއެކު މަޝްވަރާކޮށްފައިވާކަމަށެވެ.

ނަޝީދާއެކު މަޝްވަރާކުރި ސުބްރަމާނިއަމް ސްވާމީ ފާހަގަވެފައިވަނީ އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ހަރަކާތްތަކަށް ހިންގުމަށް ހިތްވަރުދޭ މީހެއްގެ ގޮތުގައެވެ. މިގޮތުން އިންޑިއާގައި އުޅޭ މުސްލިމުންނަކީ ހިންދޫއިންނަށްވުރެ ދަށު ދަރަޖައިގެ ބަޔަކަށް ހެދުމަށް ފޮތްތައް ލިޔެފައިވާއިރު އެކަމަށް ކެމްޕެއިންތައްވެސް މީނާ ހިންގާފައިވެއެވެ. މިގޮތުން މުސްލިމުންނަށް އަނިޔާކޮށް، ދިރިތިއްބާ އަންދާލުން ފަދަ އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގުމުގެ އަޑީގައި މީނާ ހުރިކަން ވަނީ ސާބިތުވެފައެވެ. އަނެއްކޮޅުން ސްވާމީއަކީ ފަލަސްތީނުގެ މުސްލިމުންނަށް އަނިޔާދެމުންދާ އިސްރާއިލުދެކެ ވަރަށް ލޯބިވާ ބޭފުޅެކެވެ. އިސްރާއިލާއެކު އިންޑިއާއިން ބާއްވާ ގުޅުން ބަދަހިކުރުމުގައި ސްވާމީގެ ޚިއްސާ ބޮޑެވެ.

އިންޑިއާ މެދުވެރިކޮށް ރާއްޖެއަށް ނުފޫޒު ފޯރުވުމުގެ އަމަލުތަކެއް ހިންގުމަށް ނަޝީދު މަސައްކަތްކުރަމުންދާއިރު، މީގެ ކުރިންވެސް ނަޝީދު ވަނީ ތަކުރާރުކޮށް މިފަދަ އަމަލުތައް ހިންގާފައެވެ. މިގޮތުން މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ނަޝީދު ވަނީ އިންޑިއާ ސިފައިން ހަތިޔާރާއެކު ރާއްޖެއަށް އެރުމަށްވެސް ގޮވާލާފައެވެ. ހަރުކަށި ހިންދޫއިންނާ ގުޅިގެން ރާއްޖެއަށް ދަތިކުރަން ނަޝީދު މަސައްކަތްކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އޭނާއަށް އަމާޒުވެފައެވެ.