ޚަބަރު

ހައްޖަށް ނުދެވުނު ފަރާތްތައް ސަރުކާރުން އަންނަ އަހަރު ހައްޖަށް ފޮނުވަނީ





 


ފައިސާ ދެއްކުމަށްފަހު، ތަފާތު ސަބަބުތަކާއި ހުރެ ހައްޖަށް ނުދެވިތިބި ފަރާތްތަކަށް އަންނަ އަހަރުގެ ހައްޖު ކޯޓާއިން ހައްޖަށް ދެވޭނޭ އިންތިޒާމް ހަމަޖައްސައިދޭނޭ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.


 
ހައްޖަށް ދިއުމަށްޓަކައި ފަތުހު ކުންފުންޏަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ މައްސަލަތައް ހައްލުކޮށް، ސަރުކާރުގެ ޚަރަދުގައި ހައްޖަށް ގެންދިއުމަށް ނިންމަވާފައިވާކަން އިއްޔެ އިއުލާން ކުރެއްވުމަށްފަހު، އިސްލާމިކް މިނިސްޓްރީން ރޭވަނީ ފަތުހު ކުންފުނީގެ ކޯޓާގެ ތެރެއިން ހައްޖަށް ދިއުމަށް ވިސާ ލިބިފައިވާ ފަރާތްތަކާއި ބައްދަލުކުރައްވާފައެވެ.


 
ފަތުހު ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކަށް ހައްޖަށްދެވޭނޭ އިންތިޒާމް ހަމަޖައްސައިދިނުމަށްފަހު، އެ ފަރާތްތަކާއި ބައްދަލްކުރެއްވުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ ފައިސާ ދެއްކުމަށްފަހު ހައްޖަށް ނުދެވިތިބި ފަރާތްތަކަށް އަންނަ އަހަރުގެ ކޯޓާއިން ޖާގަ ދޭން ނިންމީ، ހައްޖަށް ގެންދިއުމަށް މީހުން އަތުން ފައިސާއަތުލުމަށްފަހު ހައްޖަށް ނުދެވުމުގެ ސަގާފަތެއް އުފެދިދާނެތީ ކަމަށެވެ. އެގޮތުން އިތުރު ބަޔަކަށް އަންނަ އަހަރުގެ ކޯޓާއިން ޖާގަދޭނީ، އެފަދަ ފަރާތްތަކަށް ހައްޖު ވިސާ ދިނުމަށްފަހުގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


 
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވިދާޅުވީ، ފަތުހުގެ ކޯޓާގެ ތެރެއިން ހައްޖަށްދާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މާދަމާއިން ފެށިގެން އެމް އެންޑީ އެފުން އިސްލާމީ މަރުކަޒުގައި ހަރަކާތްތެރިވާނޭ ކަމަށެވެ.


 
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ހައްޖު ކޯޕަރޭޝަންގެ ޗެއަރމަން ޑރ އައިޝަތު މުނީޒާ ވިދާޅުވީ ފަތުހު ކުންފުނީގެ މައްސަލައިގެ ސަބަބުން ހައްޖަށް ނެދުވުނު ފަރާތްތައް ހައްޖަށް ފޮނުވުމަށްޓަކައި ސަރުކާރުން ނުވަ މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ.


 
 


ފަތުހު ކުންފުނީގެ ހަވާލުގާ ހައްޖަށް ދިއުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ހައްޖަށް ދެވޭނޭ އިންތިޒާމް ސަރުކާރުން ހަމަޖައްސައިދެއްވީ އެކުންފުނި ބަނގުރޫޓު ވެފައި ވާކަމަށް ބުނެ ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ސަތޭކަ ފަންސަވީސް މީހުން ހައްޖަށް ގެންދެވެން ނެތް ކަމަށް މިދިޔަ ބްރާސްފަތި ދުވަހު އިސްލާމިކް މިނިސްޓްރީއަށް އެންގުމާއި ގުޅިގެންނެވެ.  ނަމަވެސް އެ ކުންފުންޏަށް ދޫކޮށްފައިވާ ކޯޓާއަށްވުރެ އިތުރަށް ބައެއް ފަރާތްތަކުގެ އަތުން ފައިސާ ނެގި މައްސަލައިގާ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، މުސްޠަފާ މުޙައްމަދު މިހާރުވަނީ  ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.