ކުޅިވަރު

ފައިނަލް ކުޅެން އަމާޒުކޮށްގެން، ޤައުމީ ކެރަމް ޓީމް ވަރލްޑްކަޕަށް!


ފަސްވަނަ ކެރަމް ވަރލްޑްކްޕްގައި ޤައުމީ ކެރަމް ޓީމްގެ ޓާގެޓަކީ ރަނަރަޕް ޓީމަށް ވުން ކަމަށް ޓީމްގެ ކޯޗް ހުސެން އަލީ ބުނެފިއެވެ.

މިމަހުގެ ތޭވީހުން ނަވާވީހަށް ކޮރެއާގެ ޗުންޗިއޮންގައި ބާއްވާ ކެރަމް ވަރލްޑްކަޕަށް ރާއްޖެއިން ދިޔަ ޓީމްގެ ކޯޗް ބުނީ މީގެ ކުރިން ވަރލްޑް ޗެމްޕިއަންޝިޕްގައި އަންހެން އަދި ފިރިހެން ޓީމުންވެސް ތިންވަނަ ހޯދައިފައި ވުމާއެކު މިފަހަރު ތިންވަނަ މަޤާމް ދިފާއުކުރުމުގެ އިތުރުން، ދެވަނަ ހޯދަން މަސައްކަތްކުރާނެކަމަށެވެ. 2016 ގެ ވަރލްޑް ޗެމްޕިއަންގެ ތިންވަނަ ހޯދި ޓީމްގެ ކެޕްޓަންކަންވެސް ކުރި ކޯޗް ބުނީ މަހެއްހާ ދުވަހުގެ ޓްރެއިނިންގ ކޭމްޕްގައި ބޮޑަށް ވަކި ވަކި ކުޅުންތެރިންނަށް ޓާގެޓް ކަނޑައަޅާ އެ ޓާގެޓްތައް ހާސިލްކުރަން މަސައްކަތްކޮށްފައިވާނެކަމަށެވެ. ހަމައެއާއެކު ސަރުކާރުން ކެރަމް ޓީމަށް ވެދެއްވާ އެހީއާއި އެއްބާރުލުމަކީ ކުޅުންތެރިންގެ ކުޅުމުގެ ރޫހަށާއި ޝައުގުވެރިކަމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަން އޭނާ ފާހަގަކުރިއެވެ.

މާދަމާ ފަށާ ވަރލްޑްކަޕްގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމްވެސް ވާދަކުރާނެއެވެ.
އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އާމިނަތު ވިޝަމާ، އާމިނަތު ވިދާދު، އާމިނަތު ޝުބާ އާދަމް އަދި ފާތިމަތު ރަޔާންއެވެ. ފިރިހެން ޓީމްގައި ހިމެނޭ ކުޅުންތެރިންނަކީ އަލީ އާޒިމް، ހަސަން ނާޒިމް، އިސްމާއިލް އަޒްމީން އަދި މުޙައްމަދު މުންތަސިރުއެވެ. 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ކެރަމް ވަރލްޑްކަޕްގައި ރާއްޖޭގެ އަންހެން ޓީމް ވަނީ މުބާރާތުން ތިންވަނަ ހޯދާފައެވެ.