ޚަބަރު

ރިޔާސީ ބަހުސްގެ ދަޢުވަތު 2 ކެނޑިޑޭޓުންވެސް ޤަބޫލުކުރައްވައިފި


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން ބާއްވާ "އެމްއެންޔޫ ރިޔާސީ ބަހުސް 2018"ގެ ދަޢުވަތު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ 2 ކެނޑިޑޭޓުންވެސް ޤަބޫލުކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ރިޔާސީ ކެނޑިޑޭޓުންގެ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދަޢުވަތު، އެންމެ ފުރަތަމަ ޤަބޫލުފުޅުކުރެއްވީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން މިއަދު ވަނީ އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ބަހުސްގައި ބައިވެރިވުމަށް ދެއްވި ދަޢުވަތު ޤަބޫލުފުޅުކުރެއްވިކަން ހާމަކޮށްފައެވެ.

"އެމްއެންޔޫ ރިޔާސީ ބަހުސް 2018" ގެ ނަމުގައި މިފަހަރުގެ ރިޔާސީ ބަހުސް އިންތިޒާމްކޮށް ބޭއްވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީންނެވެ. މިފަހަރުގެ ރިޔާސީ ބަހުސަކީ ޢިލްމީ އަދި ހުރިހާ ގޮތަކުންވެސް ރައްޔިތުން ބަލައިގަންނަ ބަހުސަކަށް ހެދުމަށްޓަކައި ބަހުސްގެ ސުވާލުތައް ތައްޔާރުކުރުމާއި، ކެނޑިޑޭޓުންނާ ގުޅުންހުރި ކަންކަމުގެ މުޢާމަލާތު ކުރުމާއެކު، ބަހުސް ހުށައަޅާނެ ފަރާތެއްވެސް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ޤައުމީ ޔުނިވަރސިޓީންނެވެ.

މި ފަހަރުގެ ރިޔާސީ ބަހުސް ގެނެސްދިނުމަށް މަސައްކަތް ކުރަމުންދަނީ 3 ފިޔަވައްސަކަށެވެ. އެގޮތުން މެނިފެސްޓޯ ބަހުސްއާއި ރަނިންގ މޭޓުންގެ ބަހުސްގެ އިތުރުން ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ޤައުމީ ޔުނިވާސިޓީން އިންތިޒާމުކުރާ "އެމްއެންޔޫ ރިޔާސީ ބަހުސް 2018" އާއި "މެނިފެސްޓޯ ބަހުސް 2018" އަދި ރަނިންގ މޭޓުންގެ ބަހުސްގެ މީޑިޔާގެ ޕާރޓްނަރަކީ ޕީއެސްއެމްއެވެ. މީޑިއާ އަދި މާކެޓިންގ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައި މިކަމާބެހޭ އެއްބަސްވުމެއްގައި ދެފަރާތުން ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ބަހުސް ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ދައްކާނެއެވެ.