ޚަބަރު

އީޔޫއިން ދިވެހި ވަކިފަރުދުންތަކަކާމެދު ފިޔަވަޅުއަޅަން ނިންމާފައެއްނުވޭ- ދިވެހި ސަފީރު ޝިއާން


ޔޫރަޕިއަން ޔޫނިއަނުން ދިވެހިރާއްޖޭގެ ވަކިފަރުދުންތަކަކާމެދު ފިޔަވަޅުއަޅަން ނިންމާ، ލިސްޓެއް އެކުލަވާލިކަމަށްބުނެ ފަތުރަމުންދަނީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަޙްމަދު ޝިއާން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސަފީރު ޝިއާން ވިދާޅުވީ އެފަދަ ލިސްޓެއް ނެތް ކަމަށާ، އެއީ ސިޔާސީ މަޤްޞަދެއްގައި ފަތުރަމުންދާ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ވާހަކަތައް ފަތުރަމުންދަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް ވިޔަފާރިވެރިންނަށް ބިރުދެއްކުމަށާއި އިންތިޚާބަށް ނުފޫޒް ފޯރުވުމަށް ކަމަށް ބެލެވޭކަމަށްވެސް ޝިއާން ވިދާޅުވިއެެވެ.

މީގެއިތުރުން ޝިއާން ވިދާޅުވީ، މިފަދަ ލިސްޓެއް އީޔޫއިން އެކުލަވާލާފައިވާނަމަ އެކަން ކޮންމެ މީހަކަށްވެސް އޮޅުން ފިލުވޭނެކަމަށާ، ސްރީލަންކާގައި ހުންނަ އީޔޫ އެންބަސީންވެސް މިކަން ކަށަވަރު ކުރެވޭނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މިފަދަ ވާހަކަތައް އީޔޫ ޕާލަމެންޓުގެ މެންބަރުންނާ ހަވާލާދީ ދައްކަމުންދާއިރު އެއްވެސް ޤައުމަކާމެދު ނުވަތަ ވަކިވަކި ފަރުދުންތަކަކާމެދުވެސް ފިޔަވަޅުއަޅާނަމަ އެކަން ނިންމާނީ އީޔޫގެ ކައުންސިލުންކަން ޝިއާން ފާހަގަ ކުރެއްވިއެވެ.

ޝިޔާން ވިދާޅުވީ އީޔޫއިން ވަކިފަރުދުންތަކަކާމެދު ފިޔަވަޅުއެޅުމަށް ލިސްޓެއް އެކުލަވާލިކަމަށްބުނެ ދޮގު ޚަބަރުތަކެއް ފަތުރަމުންދާތީ އެކަން ބަލައިދިނުމަށްއެދި އީޔޫގެ ކަމާ ގުޅުންހުރި ފަރާތްތަކަށް ހުށަހެޅުމަށްވެސް ނިންމާފައިވާކަމަށެވެ.

އީޔޫއިން ދިވެހިރާއްޖޭގެ ވަކިފަރުދުންތަކަކާމެދު ފިޔަވަޅުއަޅަން ނިންމާ، ލިސްޓެއް އެކުލަވާލިކަމަށްބުނެ ފަތުރަމުންދާ ހަޤީޤަތާ ޚިލާފު ވާހަކަތަކާ ގުޅޭގޮތުން، ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަޙްމަދު ޝިއާން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއު