ޚަބަރު

ޑރ.ޝަހީމް، ދިވެހި ޙައްޖާޖީންގެ ޙާލު ބައްލަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންގމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު، ޙައްޖުގެ އަޅުކަމަށް ސަޢޫދީޢަރަބިއްޔާއަށް ގޮސް ތިބި ދިވެހި ޙައްޖާޖީންގެ ޙާލު ބައްލަވާލައްވައިފިއެވެ.

ރައީސް ޔާމީން ކެމްޕެއިން ޓީމުން މަޢުލޫމާތުދެއްވި ގޮތުގައި ޙައްޖު ކޯޕަރޭޝަނުގެ އިސްވެރިންނަށް ގުޅުއްވައިގެން ޑރ. ޝަހީމް ވަނީ މިވަގުތު ސަޢުދީގައި ތިބި ޙައްޖުވެރިންގެ ހާލު ބައްލަވާފައެވެ. ޙައްޖު ކޯޕަރޭޝަނުގެ އިތުރުން، ޙައްޖަށް މީހުން ގެންދިޔަ އެހެން ގުރޫޕްތަކުގެ އޮފިޝަލުންނަށްވެސް ޑރ. ޝަހީމް ވަނީ ގުޅުއްވާ، ޙައްޖާޖީންގެ ހާލު އޮޅުން ފިލުއްވާފައެވެ. ހުރިހާ ޙައްޖާޖީންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގަތުމުގެ އިތުރުން، ޑރ. ޝަހީމް ވަނީ ޢީދުގެ ތަހުނިޔާވެސް ހުރިހާ ޙައްޖާޖީންނަށް ފޮނުއްވާފައެވެ.

ރާއްޖެއިން މިއަހަރު ތޭރަ ސަތޭކައަށްވުރެ ގިނަ މީހުން ޙައްޖުގެ އަޅުކަމަށް ސަޢޫދީއަށް ގޮސްފައިވާއިރު، ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ރަނގަޅުކަމަށް ސަރުކާރުން މަޢުލޫމާތުދެއެވެ. މީގެ އިތުރުން ޙައްޖުގެ އަޅުކަމުގެ ތެރެއިންވެސް އެއްވެސް މައްސަލައެއް ދިމާނުވާކަމަށް ސަރުކާރުން ބުނެއެވެ.