ޚަބަރު

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފި


ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރުގެ އަޟްހާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކޮށްފިއެވެ.

ޙައްޖުގެ އަޅުކަން ނިންމާލުމަށްފަހު މުސްލިމުން އުފާ ފާޅުކުރުމުގެ ގޮތުން ފާހަގަކުރާ ޢީދުގެ ދުވަސްތަކަކީ ދިވެހިންނަށް އަބަދުވެސް އުފަލާއި ހިތްހަމަޖެހުން ގެނެސްދޭ ދުވަސަތަކެކެވެ. 1439 ވަނަ އަހަރުގެ އަޟްހާ ޢީދަށް ދިވެހިން މަރްޙަބާ ކިޔާފައިވާއިރު މިދުވަސް ފެށިގެން ދިޔައީ ޢީދު ނަމާދުންނެވެ. މިއަހަރުގެ އަޟްހާ ޢީދު ނަމާދު ރާއްޖޭގެ ގިނަ ރަށްރަށުގައި ކޮށްފައިވަނީ ބޮޑު ޖަމާޢަތުގައެވެ. ބޮޑު ޖަމާޢަތުގައި ކުރި ޢީދު ނަމާދުގައި ދެޖިންސުގެ އެކި ޢުމުރުފުރާތަކުގެ ގިނަޢަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

މާލެ ސިޓީގައި ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކޮށްފައިވަނީ ޖުމްހޫރީ މައިދާން ހިމެނޭ ގޮތަށް އިސްލާމީ މަރުކަޒުގައާއި މާފަންނު ސްޓޭޑިއަމް ސަރަޙައްދުގައާއި ހުޅުމާލޭ ސެންޓްރަލް ޕާރކާއި ވިލިމާލޭ ބޯޅަ ދަނޑު ސަރަޙައްދުގައެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީއާއި އައްޑޫސިޓީގައިވެސް ޢީދު ނަމާދު ކޮށްފައިވަނީ ބޮޑު ޖަމާޢަތުގައެވެ. ފުވައްމުލައް ސިޓީގައިކުރި ޢީދު ނަމާދުގައި އެހެންއަހަރުތަކާ ތަފާތުކޮށް ގިނަ ޢަދަދެއްގެ ކަނބަލުން ބައިވެރިވެފައިވެއެވެ. އަދި ޢީދު ނަމާދު ނިމުމުން ކުޑަކުދިންނަށް ހަދިޔާ ބެހުމުގެ ހަރަކާތެއްވެސް ފުވައްމުލަކުގައި ކުރިއަށްގެންގޮސްފައިވެއެވެ.

މިއަހަރުގެ ޢީދު ނަމާދުގައި ގިނަޢަދަދެއްގެ މީހުން ބައިވެރިވެފައިވާއިރު މީގެ ތެރޭގައި ޒުވާނުންނާއި ކުޑަކުދިންނާއި އިސްރަށްވެހިންގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބިދޭސީންވެސް ހިމެނެއެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިފަހަރު ޢީދުނަމާދު ބޮޑު ޖަމާޢަތުގައި ކޮށްފައިވާއިރު ޢީދު ނަމާދަށްފަހު މުޅި ރާއްޖޭގައި ވަނީ ޢީދުގެ ހަރަކާތްތަކާއި ކުޅިވަރުތައް ފަށާފައެވެ. ޢީދު ނަމާދު ހުޅުވިފައިވާ މައިދާނެއްގައި ބޮޑު ޖަމާޢަތުގައި ކުރުމަކީ ސުންނަތެކެވެ.