ޚަބަރު

އިދިކޮޅު ކެމްޕެއިނުގައި ޕީޕީއެމްގެ ކުލައާއި ލޯގޯ ބޭނުން ނުކުރަން ގޮވާލައިފި


އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ ކެމްޕެއިނުގައި ޕީޕީއެމްގެ ކުލައާއި ލޯގޯ ބޭނުންކުރަމަކީ، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީންގެ އިންތިޚާބީ ހައްޤުތަކަށް އުނިކަން އަންނަމުންދާކަމެއްކަމަށާ، އެކަންވަގުތުން ހުއްޓާލުމަށް އެޕާޓީން ގޮވާލައިފިއެވެ.

ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްއިން ނެރުނު ބަޔާނެއްގައިވަނީ އަންނައަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު އެމް.ޑީ.ޕީ ގެ ކެމްޕޭން ޕޯސްޓަރުތަކާއި، އެކިއެކި ޖަލްސާތަކުގައާއި އެހެންވެސް ކެމްޕޭނުގެ ޙަރަކާތްތަކުގައި ޕީޕީއެމްގެ ކުލަ ބޭނުންކުރައްވަމުން ގެންދާކަން ވަނީ ފާހަގަކުރެވިފައިކަމަށެވެ.

މެޖެންޓާ ނުވަތަ ފިޔާތޮށިކުލައަކީ، ޕީޕީއެމްގެ މައްޗަށް ރަޖިސްޓަރީކޮށްފައިވާ އަދި އެޕާޓީއަށް ނިސްބަތްވާ ކުލަކަން ފާހަގަކޮށް މިބަޔާނުގައިވަނީ ޕީޕީއެމްގެ މައްޗަށް މިކުލަ ރަޖިސްޓަރީވުމުގެ ނަތީޖާއެއްގެ ގޮތުން، ސިޔާސީ މައިދާނުގައި މިކުލަ ބޭނުންކުރެވޭނީ ހަމައެކަނި އެޕާޓީއަށްކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

އެޕާޓީން ދެކޭގޮތުގައި، ރިޔާސީ އެހެން ކެންޑިޑޭޓެއްގެ ކެމްޕޭނުގައި އެޕާޓީގެ ކުލަ ބޭނުންކުރުމަކީ އެއްވެސް ފަރާތަކަށް ޤާނޫނީ ގޮތުން ލިބިފައިވާ ޙައްޤެއް ނޫންކަމަށާ، އަދި އެއީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓުގެ އިންތިޚާބީ ޙައްޤުތަކަށް އުނިކަން އަންނާނޭ ކަމެއްކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައިވެއެވެ.
އެހެންކަމުން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ފިޔަވައި އެހެން ކެމްޕޭނުތަކުގެ، ކެމްޕޭން ޕޯސްޓަރުތަކުގައްޔާއި ޖަލްސާތަކުގައި އަދި ކެމްޕޭނުގެ އެހެނިހެން ޙަރަކާތްތަކުގައި ޕީޕީއެމްގެ ކުލަ ބޭނުންކުރުން ހުއްޓާލުމަށް އެޕާޓީންވަނީ ގޮވާލާފައެވެ.