ޚަބަރު

ރައީސްގެ ދަތުރުފުޅަށް ގައްދޫގައި ހެދި މަރިޔާދުގޭގައި ބަޔަކު އަލިފާން ރޯކޮށްލައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގދ. ގައްދުއަށް ކުރެއްވި ދަތުރުފުޅަށް ޚާއްޞަކޮށް ހަދާފައިހުރި މަރިޔާދުގެއެއްގައި އަލިފާން ރޯކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގދ ގައްދޫގައި ހަދާފައިހުރި މަރިޔާދުގެއެއްގައި އަލިފާން ހިފައިންގެ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭ 10 ގަޑި 30 އެހާކަންހާއިރުކަމަށެވެ. މިހާތަނަސް ބެލި ބެލުމުން މިއީ ބަޔަކު ގަސްތުގައި ކުރިކަމެއްކަން ޝައްކުކުރެވޭކަމަށާއި، މިމައްސަލައިގައި 41 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އަލިފާން ރޯކޮށްލި މަރިޔާދުގެއަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިމަހުގެ 7 ވަނަ ދުވަހު ގައްދުއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް އެރަށު ބަނދަރު ސަރަހައްދުގައި ފަނުން ހަދާފައިވާ ގެއެކެވެ. މި ޙާދިސާގައި އެތަން އެކޮށް އަންދާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަޙްޤީޤް ކުރަމުންނެވެ.