ޚަބަރު

އެއްބައިވަންތަކަމަށް ބާރުއަޅުއްވަމުން ރައީސް ޢީދު ތަހުނިޔާ ފޮނުއްވައިފި


ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަން އިތުރަށް ވަރުގަދަ ކުރުމަށް ބާރުއަޅުއްވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަހަރުގެ އަޟްހާ ޢީދުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

މިއަހަރުގެ އަޟްހާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ އިސްލާމްދީން އެއްބައިވަންތަކަމަށް ބާރުއަޅައި ގޮވާލާ މިންވަރު، ޙައްޖުގެ މަތިވެރި މަނާސިކުން އެނގިގެންދާކަމަށެވެ. އަދި ޢީދުގެ މި އުފާވެރި މުނާސަބަތުގައި ދިވެހިންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އެއްބައެއްވަންތަ ބައެއްގެ ގޮތުގައި ކުރިއަށް ދިޔުމުގެ މަތިވެރި ޢަޒުމް އާކުރުމަށް ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، އަޟްޙާ ޢީދުގެ މުނާސަބަތަކީ، މުސްލިމުންގެ މެދުގައި ހިތްހެޔޮކަމާއި އުފާވެރިކަމުގެ ޝުޢޫރުތައް ފާޅުކުރުމުގެ މުނާސަބަތެއްކަމަށާއި، ދިވެހިންގެ މެދުގައި އޮތް އެއްބަނޑުއެއްބަފާކަމާއި، އަޚުވަންތަކަމުގެ ގުޅުން ޤާއިމުކޮށް ދެމެހެއްޓުމުގެ މުހިއްމުކަން ހިތްތަކަށް ގެނެސްދޭ އުފާވެރި މުނާސަބަތެއްކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ބަރަކާތްތެރި އަޟްޙާ ޢީދުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ދިވެހި ރައްޔިތުންނާއި، މުޅި އިސްލާމީ އުންމަތަށް ފޮނުއްވާފައިވެއެވެ.