ޚަބަރު

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު މާލޭގެ 4 ސަރަހައްދެއްގައި


މިއަހަރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމުގެ އިންތިޒާމު މާލެ ސިޓީގެ 4 ސަރަހައްދެއްގައި ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ އަޟްހާ ޢީދު ބޮޑުޖަމާއަތުގައި ކުރުމުގެ އިންތިޒާމް އަތޮޅުތެރޭގެ ގިނަ ރަށްރަށުގައިވެސް ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން މާލެ ސިޓީގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ފުރަމާލޭގައި ޖުމްހޫރީ މައިދާން ހިމެނޭގޮތަށް އިސްލާމީ މަރުކަޒުގައާއި، މާލޭ ދެކުނު ފަރާތު މާފަންނު ސްޓޭޑިއަމް ސަރަހައްދުގައިކަމަށެވެ. އަދި ހުޅުމާލޭ ސެންޓްރަލް ފާރކް ސަރަހައްދުގައާއި، ވިލިމާލޭ ބޯޅަ ދަނޑުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ބޮޑު ޖަމާޢަތުގައި ނަމާދުކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ސަރަހައްދުތަކުގައި ސެކިއުރިޓީ ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވާނެކަމަށެވެ. އަދި ނަމާދުކުރާ ސަރަހައްދުގައި ހަމަޖައްސަންޖެހޭ އެހެނިހެން އިންތިޒާމްތައް ހަމަޖެއްސުމުގައި ކެޑޭޓުންނާއި، ސްކައުޓުންނާއި، ގާރލްގައިޑުންގެ އިތުރުން އަމިއްލަ ޖަމިއްޔާތަކުންވެސް ޙަރަކާތްތެރިވާނެކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ.

ޢީދު ނަމާދު ވަގުތު މޫސުން ގޯސްވެއްޖެނަމަ މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރާނީ އިސްލާމީ މަރުކަޒުގައި ކަމަށާއި، ހުޅުމާލެ އަދި ވިލިނގިލީގެ ބޮޑެތި މިސްކިތްތަކުގައި ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

ފަހަކަށްއައިސް ކޮންމެ އަހަރަކުވެސް ދެ ޢީދު ދެނަމާދު ބޮޑު ޖަމާޢަތުގައި ކުރުމުގެ އިންތިޒާމް ސަރުކާރުން ހަމަޖައްސައެވެ. ޢީދު ނަމާދު ހުޅުވިފައިވާ ސަރަހައްދެއްގައި ބޮޑު ޖަމާޢަތެއްގައި ކުރުމަކީ ސުންނަތެކެވެ.