ޚަބަރު

ހުޅުލެ-ހުޅުމާލެ ހައިވޭގައި ގަސް އިންދަނީ


ސިނަމާލެ ބްރިޖުން ހުޅުމާލެއަށް ދިއުމަށް އޮންނަ ހައިވޭގެ ދެފަރާތުގައި ގަސް އިންދުމުގެ މަސައްކަތް ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަނުން ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެޗްޑީސީގެ ސީއޯއޯ އަޙްމަދު ބުންޔާމީން ވިދާޅުވީ ދަތުރުކުރުމަށް ހައިވޭ ހުޅުވާލުމުގެ ކުރިން ހައިވޭ ޒީނަތްތެރިކުރުމުގެ ގޮތުން ހައިވޭގެ ދެފަޅީގައި ގަސް އިންދާނެ ކަމަށެވެ. ބޮޑެތި ގަސްތަކުގެ އިތުރުން ތަފާތު މާގަސްވެސް ހައިވޭގެ ދެފަރާތުގައި އިންދުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީގެ ސީއޯއޯ ވިދާޅުވިއެވެ.

އެޗްޑީސީން ބުނީ މިހާރު ކުރިއަށް ދަނީ 4 ކިލޯމީޓަރުގެ ހައިވޭ ހުޅުވުމުގެ ފަހު މަރުހަލާތައްކަމަށާއި ސިނަމާލެ ބްރިޖް ހުޅުވުމުގެ ކުރިން ހައިވޭ ބޭނުންކުރެވޭނެކަމަށެވެ.

ހުޅުލެ-މާލެ ގުޅޭ ހައިވޭ އެޅުމަށްޓަކައި މިހާރު އޮތް ކޯސްވޭގެ އިރުން ބޮޑު ސަރަހަށްދެއް ހިއްކައިގެން އައު މަގެއް ވަނީ ތަރައްޤީކޮށްފައެވެ. މި މަގު ތާރުއަޅައި، މަގުގައި ކުރަހަންޖެހޭ ނިޝާންތައްވެސް މިހާރު ވަނީ ކުރަހައި ނިންމާފައެވެ. އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ މި މަގު މިމަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހު ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

ބްރިޖާ ގުޅާލާ މި ހައިވޭގެ މަސައްކަތާއެކު، ބްރިޖާ ގުޅޭ މާލޭ ރިންގްރޯޑްގެ ބައެއް މަގުތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ވަނީ ނިމުމަކާ ގާތްވެފައިއެވެ.