ސިޔާސީ

ކެންޑިޑޭޓުންނަށް، މަންދޫބުން އައްޔަން ކުރުމުގެ ފުރުޞަތު ހުޅުވާލައިފި


ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް، އެ ކެންޑިޑޭޓުންގެ ފަރާތުން ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ މަންދޫބުން އައްޔަން ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިއުލާނުގައިވާގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބުން އައްޔަންކުރުމުގެ ފުރުޞަތު މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހާ ހަމަޔަށް ވަނީ ހުޅުވާލާފައެވެ.

މި އިޢުލާނުގައިވާގޮތުން ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމުގެ ފުރުޞަތު ދިނުމުގައި 6 ޝަރުތެއް ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުމާއި، ޖިނާޢީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުމާއި، ރިޔާސީ އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޙަވާލުވެގެން ހުރި މީހަކު ކަމުގައި ނުވުމާއި، ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް ނުވަތަ ވެރިއެއް ކަމުގައިނުވުމާއި، ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައި ނުވުމާއި، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

ރިޔާސީ އިންތިޚާބުގެ ޤަވާއިދުގައިވާގޮތުން ރިޔާސީ އިންތިޚާބުގެ ވޯޓުނެގުން އޮންނަ ދުވަހު، ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުލާ މަރުކަޒާއި ވޯޓު ގުނާ ކޮންމެ މަރުކަޒަކަށް އެއް މަންދޫބަކު ޢައްޔަން ކުރުމުގެ ފުރުޞަތު ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބޭނެއެވެ.