ޚަބަރު

އައްޑޫ ސިޓީ ހިތަދޫގެ ވިޔަފާރިވެރިންނަށް ފުލުހުން ހޭލުންތެރިކަމުގެ ޕްރޮގުރާމެއް ހިންގަނީ


އައްޑޫ ސިޓީގެ ވިޔަފާރިވެރިންނަށް ޢަމާޒުކޮށް ފުލުހުން ހޭލުންތެރިކަމުގެ ޕްރޮގުރާމެއް ފަށައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިންތިޒާމުކޮށްގެން އައްޑޫ ސިޓީ ހިތަދޫގައި ފެށި މި ޕްރޮގުރާމަކީ އައްޑޫސިޓިގައި ކުށްމަދުކުރުމުގެ މަޤްޞަދުގައި ހިތަދޫ ރައްޔިތުން ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިތަދޫ ޕޮލިސް ސްޓޭޝަނުން ހިތަދޫ ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ފެށި ޕްރޮގުރާމެކެވެ.

މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގުރާމުގައި ކޮންމެ ހަފުތާއަކު ވެސް ހިތަދޫގެ ހުރިހާ ފިހާރައަކަށް ގޮސް އެތަންތަނުގެ ވެރި ފަރާތްތަކާއި ވާހަކަ ދައްކާ ގުޅުން ބަދަހިކުރުމާއި، ވިޔަފާރިވެރިންގެ ޢާންމު ޙާލަތު ބަލައި ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކާ ގުޅޭ މަޢުލޫމާތު އޮޅުން ފިލުވުމަށް ހަމަޖެހިފައިވާކަމަށް ހިތަދޫ ޕޮލިސް ސްޓޭޝަނުން ބުނެއެވެ. އަދި މި ޕްރޮގުމާމުގެ ތެރެއިން ވިޔަފާރިވެރިންނަށް ދިމާވާ ކަންތައްތައް ޙައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ މަޢުލޫމާތު ކާރޑެއް ފޯރުކޮށް ދެވޭނެކަމަށް ފުލުހުން ބުނެފައިވެއެވެ.

މިޕްރޮގުރާމުގެ ދަށުން ހިތަދޫގައި ހިނގާ ވައްކަމުގެ މައްސަލަތައް މަދުކުރުމާއެކު، ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ޢާއްމުންނަށް ގުޅައި ކޭޝް ކާޑުގެ މަޢުލޫމާތުތައް ހޯދައި، މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލައަށް ވިޔަފާރިވެރިން ހޭލުންތެރިކުރުވުމަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ހިތަދޫ ޕޮލިސް ސްޓޭޝަނުން ބުނެއެވެ. އަަދި ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމާއި އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައިވެއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސަން އިން ޢަމަލުކުރަމުންދާ ކުށް މަދުކުރުމުގެ ސިޔާސަތުގެ ދަށުން ޢާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ދަނީ އަތޮޅުތެރޭގައި މިފަދަ ސިލްސިލާ ޕްރޮގުރާމުތައް ހިންގަމުންނެވެ.