ޚަބަރު

ޕާކިސްތާނާއެކު ވަރަށް ގާތުން މަސައްކަތް ކުރަން ބޭނުން - ރައީސުލްޖުމްހޫރިއްޔާ


ކުރިއަށް އޮތްތާނގައި ޕާކިސްތާނާއެކު ވަރަށް ގާތުން މަސައްކަތް ކުރައްވަން ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި އިމްރާން ޚާން، އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ފެއްޓެވުމުގެގޮތުން އޮފީހާއި ޙަވާލުވެވަޑައިގެންނެވުމާއި ގުޅިގެން، އެކަމަށް މަރުޙަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި އިމްރާން ޚާނުގެ ޙިކުމަތްތެރިކަމާ ހިންގުންތެރިކަމުގެ ދަށުން ޕާކިސްތާން ތަރައްޤީގެ އާ އުސްމިންތަކަކަށް ގެންދަވާނެކަމުގެ ޔަޤީންކަން އޮތްކަމުގައި ވިދާޅުވެފައިވެއެވެ. އަދި ކުރިއަށް އޮތްތާނގައި ޕާކިސްތާނާއެކު ވަރަށް ގާތުން މަސައްކަތް ކުރައްވަން ބޭނުންފުޅުވާކަމަށާއި، ދިވެހިރާއްޖެއާ ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދުކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އަދި، ޕާކިސްތާނުގެ ބޮޑުވަޒީރަށް އުފާ ފާގަތިކަމާއި، ކާމިޔާބާއި ކުރިއެރުން ދެއްވުމަށާއި، ޕާކިސްތާނުގެ ޞުލްހަ މަސްލަސްކަމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.