ޚަބަރު

އަމީނިއްޔާ ސްކޫލުން މިދިޔައަހަރުގެ އެންމެ މޮޅު ދަރިވަރަކަށް މަރިޔަމް ތުޤާ ޒިޔާދް


އަމީނިއްޔާ ސްކޫލްގެ މިދިޔައަހަރުގެ އެންމެ މޮޅު ދަރިވަރަކަށް މަރިޔަމް ތުޤާ ޒިޔާދް ހޮވިއްޖެއެވެ. އަމީނިއްޔާ ސްކޫލުން ވޭތުވެދިޔަ އަހަރު އެކި ކާމިޔާބީތައް ހޯދި ދަރިވަރުންނަށް އެވޯޑު ދިނުމަށް ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

މިދިޔަ އަހަރު އޭލެވެލް އިމްތިހާނުގައި އަމީނިއްޔާ ސްކޫލުގެ 179 ދަރިވަރުން ބައިވެރިވިއިރު، އޭގޭތެރެއިން %72 ދަރިވަރުންވަނީ 5 މާއްދާއަށްވުރެ ގިނަ މާއްދާއިން ފާސްވެފައެވެ. އަދި 2017 ވަަނަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ގަދަ ދިހައެއްގައި އަމީނިއްޔާ ސްކޫލްގެ 28 ދަރިވަރުންވަނީ ހިމެނިފައެވެ.

މިދިޔަ އަހަރު އަމީނިއްޔާ ސްކޫލުން އެކި ކާމިޔާބީތައް ހޯދި ދަރިވަރުންނަށް އެވޯޑް ދިނުމަށްބޭއްވި ޙަފްލާގައި ވަނީ އެ ސްކޫލުން ބްރިލިއަންސް އެވޯޑްހޯދި 4 ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްފައެވެ. އަދި މީގެއިތުރުން އެކި ގްރޭޑްތަކުންނާއި، ކުޅިވަރުތަކުން ސްކޫލަށް ރީތިނަން ހޯދައިދިން ދަރިވަރުންނަށް އެކަމުގެ ލިޔުން ދީފައިވެއެވެ.

އަމީނިއްޔާ ސްކޫލުން މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް މަރިޔަމް ތުޤާ ޒިޔާދް ހޯދިއިރު، ދެވަނަ ހޯދާފައިވަނީ މަރިޔަމް ޒައިނާ މުޙައްމަދު ސޯލިޙްއެވެ. އަދި ތިންވަނަ ހޯދާފައިވަނީ އައިޝާ މަލާހާ ޙުސައިންއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް އާއި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޑރ.އަބްދުލް މުޙްސިންއެވެ.

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޑރ. ޢަބްދުލް މުޙްސިން ވިދާޅުވީ ރާއްޖެއަކީ ދަރިވަރުން ތަޢުލީމީރޮނގުން ކުރިއަށްދިއުމަށް ބޭނުންވާ ވަސީލަތްތައް ހުރި ޤައުމެއްކަމަށެވެ. އަދި ވަޒީފާގެ މާޙައުލުގައި އެކި ދާއިރާތަކުން ކުރިއަށްދެވޭނެ މަގު ތަނަވަސްވެފައިވާ ޤައުމެއްކަން ޑެޕިއުޓީ މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ސަރުކާރާއި ޕްރައިވެޓް ސެކްޓަރގައި ކުދިން ކުރިއަށްދާނެ ގިނަ ފުރުޞަތު އެބަހުރި. މުހިންމީ ކޮންމެ ކުއްޖަކަށްވެސް އެކުއްޖަކު ދާންބޭނުންވާ މިސްރާބު އެނގުން. އޭރުން މުޅި ޤައުމަށް އޭގެ މަންފާ ކުރާނީ" ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

އަމީނިއްޔާ ސްކޫލްގެ ދަރިވަރުންނަށް އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްކޫލްގެ ޕްރިންސިޕަލް ނަޒްލީން ވާފިރް ވިދާޅުވިީ ކުދިންގެ ސިކުނޑިި ތަރައްޤީކޮށް، ކުދިންނަށް އެކި ދާއިރާތަކުން މަޢުލޫމާތު ފޯރުކޮށްދެވިގެންދާއިރު، ކުދިންނަށް ފަންނީ ތަޖުރިބާ ހޯދައިދިނުމަކީވެސް މުހިންމުކަމެއްކަމަށެވެ.

އަމީނިއްޔާ ސްކޫލުގައި ގްރޭޑް އެކަކުން ދިހަޔަކަށް ކިޔަވައިދެމުންދެއެވެ. 2017ވަނަ އަހަރު އެ ސްކޫލުން 2101 ކުދިންވަނީ ތަޢުލީމް ޙާސިލްކޮށްފައެވެ. އެ ސްކޫލުންވަނީ ޙާއްސަ އެހީއަށް ބޭނުންވާ ނުވަދިހައަށްވުރެ ގިނަ ދަރިވަރުންނަށްވެސް ތަޢުލީމް ދީފައެވެ.