ޚަބަރު

ﷲ އަށް ޝިރުކުކުރުމަކީ އެންމެ ބޮޑު އަނިޔާވެރިކަން- ޝައިހް މުޖްތަބާ


އެންމެ ބޮޑު އަނިޔާވެރިކަމަކީ ﷲ އަށް ޝިރުކު ކުރުންކަމުގައި ދީނީ ޢިލްމުވެރިއެއްކަމަށްވާ އައްޝައިޚް މުޖްތަބާ ހަމީދު ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ސްޓޫޑިއިން ގެނެސްދިން ’29 މިނެޓް‘ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް މުޖްތަބާ ވިދާޅުވީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙުކުމްފުޅުތައް އެއީ އަނިޔާވެރިކަމެއްގެ ގޮތުގައި ބުނާ ބަޔަކާ ބައިވެރިވެގެން މުޖްތަމަޢުން އަނިޔާވެރިކަން ނައްތާލެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށެވެ.

”އިސްލާމްދީނުގެ ޝިޢާރުތަކަށް ފުރައްސާރަކޮށް، އެދީނުގެ ބޮޑެތި ޤަޠުޢީ ހައްދުތަކަށް އިންކާރުކޮށް، އިސްލާމްދީން ނޫން އެހެންދީންތައް މި ޤައުމަށް ގެނައުމަށް ބުނާބަޔަކާ ބައިވެރިވެގެން ކިހިނެއްތޯ އަނިޔާވެރިކަމުގެ ވާހަކަ ދައްކާނީވެސް. އަޅުގަނޑަކަށް ނުވިސްނޭ ހަމަ އެއްގޮތަކަށްވެސް އެބުނާ އަނިޔާވެރިން ނައްތާލެވޭނެ އެއްވެސް ހަމައެއް" ޝައިޚް މުޖްތަބާ ވިދާޅުވިއެވެ.

ނަފްސުގެ ޖިހާދުގެ މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން ޝައިޚް މުޖްތަބާ ވިދާޅުވީ އެންމެ މަތިވެރި ޖިހާދަކީ ﷲ ގެ ދީން ޙިމާޔަތްކުރުމަށް ކާފަރުން ނުވަތަ އިސްލާމްދީނުގެ ޢަދާވާތްތެރިންނާއި ދެކޮޅަށް ކުރެވޭ ޖިހާދު ކަމަށެވެ. ނަމަވެސް ކާފަރުންނާއި ދެކޮޅަށް ޖިހާދު ކުރުމަށްޓަކައި ނުވަތަ އެ މަރުޙަލާއަށް ދިއުމަށްޓަކައި އެންމެފުރަތަމަ އަޅުގަނޑުމެންގެ ނަފްސު އިސްލާޙް ކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ނަފްސުގައި ހުރި ނޭއްގާނީ ކަންތައްތައް އިސްލާޙްނުކޮށް ހަގީގީ ޖިހާދު ކުރަން އުނދަގޫވާނެކަމަށް ޝައިޚް ވިދާޅުވިއެވެ.