ޚަބަރު

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީ އަވަހާރަވެއްޖެ


އިންޑިއާގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީ މިއަދު އަވަހާރަވެއްޖެއެވެ. ޢުމުރުފުޅުން 93 އަހަރުގައި ވަޖްޕާއީ އަވަހާރަވީ ކިޑްނީ އާއި މޭގެ އާލާސްކަންފުޅަކަށް ފަރުވާހޯއްދަވަމުންގެންދަވަނިކޮށެވެ.

ބަރަތިޔާ ޖަނަތަ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީގެ ޙާލަތު ނާޒުކުވެފައިވާކަމަށް އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ ޖޫން މަހުގައެވެ. ޖޫންމަހުއްސުރެ، ކިޑްނީ އާއި މޭގެ އާލާސްކަންފުޅެއްގެ ސަބަބުން އެމަނިކުފާނު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވަނީ ފަރުވާދީފައެވެ.

އަތަލް ބިހާރީ ވަޖްޕާއީ ވަނީ ތިން ފަހަރެއްގެ މަތިން އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމު ފުރުއްވާފައެވެ. އެއީ 1996 ވަނަ އަހަރު ފުރުއްވި 13 ދުވަހުގެ ދައުރާއި، 1998ން 199އަކަށް ފުރުއްވި 11 މަސްދުވަހުގެ ދައުރާއި، 1999ން 2004އަށް ފުރުއްވި ފަސް އަހަރު ދުވަހުގެ ދައުރެވެ. ވަޖްޕާއީގެ ވެރިކަން ފާހަގަކުރެވިގެންދިޔައީ އެމަނިކުފާނުގެ ސިޔާސަތުތަކާއި ބަސްމަގުގެ ސަބަބުން ޤައުމަށް ހަލަބޮލިކަން ގެނުވި ދައުރުތަކެއްގެ ގޮތުގައެވެ. އެގޮތުން 2002 ވަނަ އަހަރު އިސްލާމް ދީނާއި އަނިޔާވެރިކަމާ އެއްފަދަކޮށް އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކަށް ވަރަށް ގިނަ ފަރާތްތަކެއްގެ ހަރުކަށި ފާޑުކިއުންތައް އަމާޒުވެގެންދިޔައެވެ.

ވަޖްޕާއީގެ ވެރިކަމަކީ އިންޑިއާއަށް އަސްކަރީ ކުރިއެރުންތަކެއްވެސް ލިބިގެންދިޔަ ވެރިކަމެކެވެ. އެގޮތުން، އެ ދައުރުގައި އިންޑިއާގެ ނިއުކްލިއަރ ޕްރޮގްރާމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދިޔައެވެ. 1998 ވަނަ އަހަރު އިންޑިއާއިން ކުރި ނިއުކްލިޔަރ ތަޙުލީލުތަކުގެ ސަބަބުން އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަނގުރާމައެއް ފެށިގެންހިނގައިދާނެކަމުގެ ބިރު ހީވިއެވެ. އެހެންނަމަވެސް ވަޖްޕާއީ ދައުރުގެ ފަހުކޮޅުގައި ވަނީ ޕާކިސްތާނާއެކު ސުލްހައިގެ މުހިއްމު މަސައްކަތްތަކެއްވެސް ކުރައްވާފައެވެ. ވަޖްޕާއީ ސިޔާސީ މައިދާނާ ވަކިވެވަޑައިގަތީ 2005 ވަނަ އަހަރުގައެވެ.