ޚަބަރު

އައްޑޫ ސިޓީގައި މިފަހަރު ބޮޑު ޢީދު ކުލަގަދަކޮށް ފާހަގަކުރަނީ!


1439 ވަނަ އަހަރުގެ އަޟްހާ އީދު މުނާސަބަތުގައި ޚާއްޞަ ޙަރަކާތްތަކެއް އައްޑޫ ސިޓީ މަރަދޫގައި ކުރިއަށްގެންދިޔުމަށް ނިންމައިފިއެވެ.

މި ޙަަރަކާތް އިންތިޒާމުކުރުމުގައި އިސްވެ ޙަރަކާތްތެރިިވާ ރަބީޤުލް ޤޫލޫބް ފައުންޑޭޝަނުގެ ސެކްރެޓަރީ ޖެނެރަލް ހުސާމް ހުސައިން ވިދާޅުވީ އަޟްޙާ ޢީދުގެ މުނާސަބަތުގައި ބާއްވާ ޙަރަކާތްތައް ކުރިޔަށްގެންދަނީ ރަބީޢުލް ޤުލޫބް ފައުންޑޭޝަނާއި، ނޫރުލް އިސްލާމް ގުޅިގެންކަމަށެވެ. މިގޮތުން ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި މަރަދޫ ޕާރކުގައި ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށާއި، ޢީދު ނަމާދު އިމާމުވެ ކޮށްދެއްވާާނީ ރަބީޢުލް ޤުލޫބް ފައުންޑޭޝަނުގެ ރައީސް ޝައިޚް ޢަލީ ޝައުޒޫން ކަމަށް ހުސާމް ވިދާޅުވިއެވެ. ޢީދު ނަމާދަށް ފަހު ޢީދު ސައިވެސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ހުސާމު ވިދާޅުވިއެވެ.

ޢީދު ދުވަހުގެ ހެދުނުގެ ޙަރަކާތްތަކައް ބަލާއިރު، ހެނދުނު 9:30ގައި ތަދްރީސުލް ޤުރުއާނާއި، ހިފްސު ކުލާސްތަކުގެ ކުދިންގެ މެދުގައި ބައިސްކަލު ބުރެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. ހުސާމް ވިދާޅުވީ ބައިސްކަލް ބުރު ފަށާނީ ތަދްރީސުލް ޤުރުއާން ކްލާސް ކުރިމަތިންކަމަށާއި، މި ބައިސްކަލް ބުރުގައި ދުއްވާނީ ޢީދު ތަކްބީރު ކިޔަމުންކަމަށެވެ.

ހަވީރުގެ ޙަރަކާތްތަކަށް ބަލާލާއިރު، ރަބީޢުލް ޤުލޫބް ފައުންޑޭޝަނުގެ ދަށުން ހިންގާ ތަދްރީސުލް ޤުރުއާނާއި ހިފްސު ކުލާސްތަކުގެ ދަރިވަރުންގެ މެދުގައި ޢީދު ހަދިޔާ ބަދަލު ކުރުން މަރަދޫ ޕާރކުގައި އެދުވަހު ހަވީރު ކުރިއަށް ދާނެއެވެ.

އަދި 23 އޮގަސްޓް ވަނަ ދުވަހުގެ ހަވީރު މަރަދޫ ޕާކުގައި ކުޑަކުދިންގެ ހަވީރެއްވެސް ކުރިއަށްދާނެކަމަށާއި، މި ހަވީރުގައި ސިފައިންނާއި ފުލުހުންވެސް ބައިވެރިވާނެކަމަށް ޢީދު ޙަރަކާތް އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.
އަދި 24 އާއި 25 ވަނަ ދުވަހު ތަދްރީސުލް ގުރުއާނާއި ހިފްސު ކުލާސްތަކުގެ ކުދިންގެ ފުޓް ބޯޅަ މުބާރާތާއި، އަންހެން ކުދިންގެ ނެޓް ބޯޅަ މުބާރާތާއި، ފައިގެ ތަޅާ އަދި ރިލޭވެސް ކުރިއަށްދާނެކަމަށް މި ޙަަރަކާތް އިންތިޒާމުކުރުމުގައި އިސްވެ ޙަރަކާތްތެރިިވާ ރަބީޤުލް ޤޫލޫބް ފައުންޑޭޝަނުގެ ސެކްރެޓަރީ ޖެނެރަލް ހުސާމް ހުސައިން ވިދާޅުވިއެވެ.