ޚަބަރު

އިރާޤުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީ ތުރުކީވިލާތަށް ވަޑައިގެންފި


އިރާޤުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީ ތުރުކީވިލާތަށް ވަޑައިގެން އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި މައިގަނޑު މައްސަލަތަކުގެ ތެރޭގައި، ފުރާތު ކޯރާއި ދިޖްލަތުގެ ކޯރުގެ ފެން ހިއްސާކުރުމުގައި އުފެދިފައިވާ މައްސަލަތަކާއި، ސަރަހައްދީ ރޮނގުގެ މައްސަލަތަކާއި، އިރާޤު ސަރުކާރުގެ ހުއްދައަކާނުލައި އެ ޤައުމުގެ އުތުރުގެ ސަރަހައްދުތަކަށް ތުރުކީ ސިފައިން ތަކުރާރުކޮށް ވަދެ އަސްކަރީ ހަރަކާތްތައް ހިންގާ މައްސަލަ ހިމެނެއެވެ. އަދި އިރާޤާއި ތުރުކީވިލާތާ ދެމެދު އިޤްތިޞާދީ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި، ވިޔަފާރީގެ މުއާމަލާތްތައް އިތުރުކޮށް، އިމްޕޯޓް އެކްސްޕޯޓްގެ ވިޔަފާރި ފުޅާކުރުން ހިމެނެއެވެ.

މީގެއިތުރުން، ސަރަހައްދީ ރޮނގު ހުރަސްކޮށް ތުރުކީވިލާތުގެ ކަރަންޓްގެ ޚިދްމަތްތައް އިރާޤުން ގަންނަ މިންވަރު އިތުރުކުރުމާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރައްވާނައެވެ. އަބާދީގެ މި ދަތުރުފުޅުގައި ތުރުކީވިލާތާއި އިރާޤާ ދެމެދު ވިޔަފާރި އާއި އިންވެސްޓްމަންޓްތަކާބެހޭ ގިނަ އެއްބަސްވުންތަކެއްގައި ދެ ޤައުމުގެ މަސްއޫލުވެރިން ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.