ޚަބަރު

ބޮޑެތި އޮޕަރޭޝަންތައް އާސަންދައިގެ ދަށުން ކުރެވެނީ ސްކީމްގެ ފުރިހަމަކަމުން- ހެލްތު މިނިސްޓަރ


އޯޕަން ހާޓް ސަރޖަރީއާއި ބައިޕާސް ސާޖަރީގެ ޚަރަދުތައް އާސަންދައިން ހަމަޖެހުމަކީ، އެނިޒާމުގެ ފުރިހަމަކަން ހާމަކޮށްދޭކަމެއްކަމަށް ހެލްތު މިނިސްޓަރ، އަބްދުﷲ ނާޡިމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރި އޯޕަން ހާޓް އަދި ބައިޕާސް ސާޖަރީގެ ކާމިޔާބީ ފާހަގަކުރެއްވުމުގެ ގޮތުން އޭޑީކޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުނެވެ.
އޭޑީކޭ ހޮސްޕިޓަލުން ކާމިޔާބުކަމާއެކު ބައިޕާސް އޮޕަރޭޝަނެއް ކޮށްފައިވަނީ މިމަހުގެ 8 ވަނަދުވަހުއެވެ. އަދި އޭގެ ފަހުން މިދިޔަ ހޮނިހިރުދުވަހު ވަނީ ކާމިޔާބުކަމާއެކު އޯޕަން ހާޓް ސާޖަރީއެއް ކޮށްފައިވާއިރު، މިއީ ރާއްޖޭގައި މިފަދަ އޮޕަރޭޝަންތަކެއް ކުރި ފުރަތަމަ ފަހަރެވެ.

މިކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އޭޑީކޭ ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ ނާޒިމް ވަނީ އޭޑީކޭ ހޮސްޕިޓަލުން ހޯދި ކާމިޔާބީ ފާހަގަކޮށް، އޭޑީކޭ ހޮސްޕިޓަލަށް މަރުޙަބާ ދަންނަވާފައެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި އާސަންދަ ސްކީމުން ރައްޔިތުންނަށް ލިބެމުންދާ ފަޞޭހަތަކާއި ކުރިއެރުންތައް ފާހަގަކުރެއްވިއެވެ. މިގޮތުން ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމެއްގައި ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާ ފޯރުކޮށްދޭނެ ނިޒާމެއް ޤާއިމްވެފައި އޮތުމަކީ ދިވެހި ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި އޭޑީކޭގެ ޗެއާރމަން އަހުމަދު ނާޝިދު ވިދާޅުވީ އޭޑީކޭއިން ދޭ ޚިދުމަތްތަކުން އާސަންދައިން އެންމެ ބޮޑަށް ކަވަރކުރާ ޚިދުމަތަކީ އޯޕަން ހާޓް ސާޖަރީއާއި ބައި ޕާސް ސާޖަރީކަމަށެވެ. އޭޑީކޭއިން ހަދާ އޯޕެން ހާރޓް ސާރޖަރީއަށް ގާތްގަނޑަކަށް 95 ހާސް ރުފިޔާ އަދި ބައިޕާސް ސާރޖަރީއަށް ގާތްގަނޑަކަށް 77 ހާސް ރުފިޔާ އަރާއިރު، މީގެ 65 އިންސައްތަ އާސަންދަ ކުންފުނިން ޚަރަދުކުރާނެއެވެ.

އޭޑީކޭގައި ބޭއްވި ރަސްމިއްޔާތުގައި، ދެ ސާޖަރީގައި ބައިވެރިވި މެޑިކަލް ޓީމަށް ހެލްތު މިނިސްޓަރ ވަނީ ހަނދާނީ ލިޔުން އަރުވާފައެވެ. މި ރަސްމިއްޔާތުގައި މެޑިކަލް ޓީމުގެ ބޭފުޅުން ވަނީ މިސާޖަރީ ކުރިއަށްދިޔަ ގޮތް ހެލްތް މިނިސްޓަރއާއި ހިއްސާކޮށްފައެވެ.

ޞިއްހީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ރާއްޖެއިން ހޯދަމުންދާ ދަނޑިވަޅެއްގައި ރާއްޖޭގައި މިހާތަނަށް ނުކުރާ އޮޕަރޭޝަންތަކެއް އޭޑީކޭގައި ފަށާފައިވާއިރު، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްއިންވެސް ވަނީ މީގެ ދުވަސްކޮޅެއްކުރިން މުޅިން ތަފާތު ގޮތަކަށް މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކޮށްފައެވެ.