ޚަބަރު

މާފަރު އެއަރޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓު ޖައްސައިފި


ސަރުކާރުން ނ. މާފަރުގައި ތަރައްޤީކުރި އެއަރޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސައިފިއެވެ. ޓެސްޓް ފްލައިޓްގެ ގޮތުގައި އެ އެއަރޕޯޓަށް ޖެއްސީ މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ މަތިންދާ ބޯޓެކެވެ.

25 މިނެޓުގެ ދަތުރަކަށްފަހު މާފަރަށް ޖެއްސި ފުރަތަމަ ޓެސްޓު ފްލައިޓުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި، ނ. އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ އެކި ދާއިރާތަކުގެ މެމްބަރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ބައެއް ވެރިން މާފަރަށް ވަޑައިގެންނެވިއެވެ.

މާފަރުގެ އެއަރޕޯޓްގައި ހުންނަވައިގެން މީޑިއާއަށް މަޢުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، މާފަރު އެއަޕޯޓަށް އަންނަ މަހު ޝެޑިއުލް ފްލައިޓްތައް ޖެއްސޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މި އެއަރޕޯޓް ފުރަތަމަވެސް ހުޅުވިގެންދާނީ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މިސެޕްޓެމްބަރުމަހުގެ ތެރޭގައި ޝެޑިއުލް ޕްލައިޓްތައް ޖެއްސޭތޯ މަސައްކަތް ކުރަމުން މި ގެންދަނީ. އެނގިވަޑައިގެންނަވާނެ މިއީ ބަރަށް ބޮޑު ވަރަށް ތަފާތު ޕްރޮޖެކްޓެއް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައި މިއޮތީ. މިއީ ތިބޭފުޅުން މާލެއިން ތި ފުރާވަޑައިގެންނެވި ވަރުގެ ފުޅާމިން ހުރި ރަންވޭ އަކަށް އަޅުގަނޑުމެން މިހާރު މި ޓެސްޓް ފްލައިޓް މި ޖެއްސީ. ފުރަތަމަ ވެސް މިތަން ހުޅުވިގެންދާނީ މާފަރު އިންޓަރނޭޝަލް އެއަރޕޯޓްގެ ގޮތުގައި". މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވިއެވެ.

މިދަތުރުގައި ބައިވެރިވި ނ. އަތޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވީ، މާފަރު އެއަރޕޯޓް އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ހުޅުވިގެންދާކަމީ ނ. އަތޮޅަށާއި، މުޅި ރާއްޖެއަށްވެސް އިޤްތިޞާދީ ގޮތުން ބޮޑު ފައިދާއެއް ކުރާނެކަމެއްކަމަށެވެ. މިގޮތުން ގެސްޓްހައުސްގެ ފުރުޞަތު ރަށްރަށަށް ފުޅާވެގެންދާއިރު ރައްޔިތުންގެ ޖީބަށް ޑޮލަރު ވަނުމުގެ ފުރުޞަތު މި އެއަރޕޯޓްގެ ސަބަބުން ހުޅުވިގެންދާނެކަމަށް މެމްބަރުން ވިދާޅުވިއެވެ.
މިއެއަރޕޯޓްގެ ރަންވޭ މުޅިން ނިމިފައިވާއިރު މި ރަންވޭއަކީ 2200 މީޓަރު ދިގު ރަންވޭއެކެވެ. މީގެއިތުރުން އެއަރޕޯޓުގެ ޓާރމިނަލާއި، ޓަވަރުގެ މަސައްކަތް އަންނަ މަހު މުޅިން ނިމޭނެކަމަށް ރީޖިނަލް އެއަރޕޯޓްސްއިން ބުނެއެވެ.
އަބޫދާބީ ފަންޑުގެ ހިލޭ އެހީގައި އަޅާ މިއެއަރޕޯޓަށް 60 މިލިއަން ޑޮލަރު ޚަރަދުވާނެއެވެ.