ޚަބަރު

އައްޑޫ ސިޓީ ހިތަދޫ ޔޫތު ސެންޓަރުގެ ޖިމް މިމަހު ހުޅުވަނީ


އައްޑޫސިޓީ ހިތަދޫ ޔޫތު ސެންޓަރުގެ ޖިމް މިމަހުގެތެރޭގައި ހުޅުވަން ނިންމައިފިއެވެ.

އައްޑޫ ސިޓީގެ ޔޫތު ކޯރޑިނޭޓަރ ހުސެއިން ރަޝީދު ވިދާޅުވީ، ޔޫތު ސެންޓަރުގައި ޤާއިމުކުރާ ޖިމަށް ބޭނުންވާ ސާމާނު އަންނަ ހަަފުތާގައި އައްޑޫ ސިޓީއަށް ގެނެވޭނެ ކަމަށެވެ. ޖިމް ސެޓް ލިބުމާއެކު ޖިމް ތައްޔާރު ކޮށް މި އޮގަސްޓް މަހުގައި ޖިމް ހުޅުވޭވަރު ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖިމަށް އަންނަން ވަކި ފީއެއް މިހާރު ކަނޑައަޅާފައި ނުވާތީ މިކަމަށް ޚާއްޞަ ޤަވާއިދެއް އެކުލަވާލަންދެން ޖިމް ހިލޭ ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް ރަޝީދު ވިދާޅުވިއެވެ.
މިހާރު ޔޫތު ސެންޓަރ ހުޅުވާގަޑިތަކަކީ މެންދުރު 3:00 އިން ހަވީރު 6:00 އަށް އަދި ރޭނގަޑު 20:00 އިން 23:00 އަށެވެ. ޖިމް އަލަށް ހުޅުވާއިރު މި ގަޑިތަކުގައި ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެކަމަށާއި، މުސްތަޤުބަލުގައި ހެނދުނުގެ ވަގުތުތަކުގައި ޖިމް ބޭނުންކުރެވޭ ގޮތައް ޔޫތު ސެންޓަރ ހުޅުވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަޝްވަރާކުރަމުންދާ ކަމަށްވެސް ހުސެއިން ރަޝީދު ބުނެފަައިވެއެވެ.

ޔޫތު ސެންޓަރުގައި ޖިމެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާރު ކުރަމުންދަނީ ޖިމަށް ބޭނުންވާ އިންސްޓަރަކްޓަރުން ހޯދުމުގެ މަސައްކަތެވެ. އައްޑޫ ސިޓީގެ ޔޫތު ކޯރޑިނޭޓަރ ހުސެއިން ރަޝީދު ވިދާޅުވީ
އިންސްޓްރަކްޓަރުން ނަގާއިރު ތަޖުރިބާހުރި އައްޑޫ ސިޓީގެ ބޭފުޅުންނަށް އިސްކަން ދޭނެ ކަމަށެވެ.

ހިތަދޫގައި ޒަމާނީ ފެންވަރުގެ ޖިމެއްގެ ޚިދުމަތަކީ، ހިތަދޫ ޒުވާނުން އިންތިޒާރުކުރަމުން އައި ޚިދުމަތެކެވެ.